ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ އަނދައިފި

ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ---
ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ---

ލ. ކުނަހަންދޫ ބަނދަރުގައި އަޅާފައިއޮތް 115 ފޫޓުގެ މުދާ އުފުލާ ދޯންޏެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އެހެންނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަކީބު ވިދާޅުވީ، އަލިފާންގަނޑުގެ ބޮޑުބައި މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ރަށުގެ އާންމުން ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައި ނުވާ ކަމަށާއި، ހާދިސާ ހިނގީ ދޯނީގެ ކެޕްޓަނާއި ފަޅުވެރިން އެއްގަމަށް އަރާފައި ތިބި ދަނޑިވަޅެއްގައި ކަމަށް ޝަކީބު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދަނީ އަލިފާނުގެ ސަބަބުން ގެއްލުންވި ދޯނީގައި ހުރި މުދާތައް ބޭލުމުގެ މަސައްކަތް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްއާއި ފުލުހުންގެ ފަރާތުން ރަސްމީ ކޮށް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.