ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފޮއްދޫގެ 40 އަހަރުގެ އިންތިޒާރަށް ނިމުން: ރައީސް ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވައިފި

ފޮއްދޫ ބަނދަރު ހަދަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް
ފޮއްދޫ ބަނދަރު ހަދަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ނ. ފޮއްދޫގެ ރައްޔިތުންގެ 40 އަހަރުގެ ދިގު އިންތިޒާރަށް ނިމުމެއް ގެންނަވައި، އެ ރަށުގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. އެމަނިކުފާނު ވަނީ، މިއަދު ފެށިގެންދިޔަ މަޝްރޫއުތައް ނިމުމުން އެކަމުގެ އުފާ ފާހަގަކުރުމަށް އެނބުރި ރަށަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ރައީސް ޑރ. މުއިއްޒު މިހާރު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ގާތްގަނޑަކަށް 300 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫއަށް ވަޑައިގެން، ބަނދަރުގެ މަޝްރޫއުގެ އިތުރުން، އެ ރަށުގައި އަލަށް ގާއިމުކުރާ ޕޮލިސް ޕޯސްޓާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް ވަނީ އަޅުއްވައިދެއްވާފައެވެ.

ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 53.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަސައްކަތް 390 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ފޮއްދޫގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އިތުރު މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތް ނިމޭއިރު، ލެބޯޓްރީގެ ޚިދުމަތް ތައާރަފުކޮށް، ފަރުވާއަށްޓަކައި ކައިރި ރަށްރަށުގެ ހޮސްޕިޓަލްތަކަށް ދާންޖެހުން މަދުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

"އަޅުގަނޑު ދެން އަންނަން ގަސްތުކުރަނީ މިއަދު ފެށުނު މަޝްރޫއުތައް ނިމިގެން، އެ ކަންކަމުގެ އުފަލުގައި ބައިވެރިވާން،" ރަށު ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ނ. އަތޮޅު ދަތުރުފުޅުގައި، މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުތަކުގެ މަގުސަދަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައި، ތަރައްގީގެ މަޝްރޫއުތައް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވުމެވެ.

ރައީސް ވަނީ ފޮއްދޫގެ ތަރައްގީއަށް ކައުންސިލުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.