އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ޒޯން 2 އަށް ފުޅާކޮށްފި، ފުރަތަމަ ދަތުރުތައް ހިލޭ
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން، ގައުމީ ފެރީ ނިޒާމު، އާރް.ޓީ.އެލްގެ ޚިދުމަތް ޒޯން 2 ގައި ހިމެނޭ އަތޮޅުތަކުގައި ފެށުމަށް ނިންމައިފިއެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން، ފުރަތަމަ ހަފްތާއެއްހާ ދުވަހު މި ޒޯނުގެ ރަށްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އިޢުލާނުގައިވާ ގޮތުން، 2025 ޖުލައި 28 އިން ފެށިގެން އޮގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ޒޯން 2 ގެ ރަށްތަކަށް ކުރާ ދަތުރުތަކަކީ "އަހުލުވެރިކުރުމުގެ ދަތުރުތަކެއް" ކަމަށާއި، މި މުއްދަތުގައި އެއްވެސް އަގެއް ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.
ހިލޭ ދަތުރުތަކުގެ މުއްދަތު ހަމަވުމާއެކު، 2025 އޮގަސްޓް 4 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމު، އޮގަސްޓް 1 އިން ފެށިގެން އާރް.ޓީ.އެލްގެ ރަސްމީ ވެބްސައިޓް (www.rtl.mv) މެދުވެރިކޮށް ހަމަޖެހިފައިވާނެ ކަމަށް ވުޒާރާގެ އިޢުލާނުގައިވެއެވެ.
Ads by BMLއާރް.ޓީ.އެލް ގެ ޒޯން 2 ގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު އަދި ޅ. އަތޮޅެވެ. މިއީ ރާއްޖޭގެ ރަށްތައް އެއް ވިއުގައަކުން ގުޅުވާލުމަށް ސަރުކާރުން ކުރިއަށް ގެންދާ 'އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް' މަޝްރޫޢުގެ މުހިންމު ބައެކެވެ. މިހާރުވެސް ޒޯން 1 ގެ ގޮތުގައި ހއ.، ހދ.، އަދި ށ. އަތޮޅުގައި ޚިދުމަތް ދެމުން އަންނައިރު، ޒޯން 2 އަށް ފަހު ޚިދުމަތް ފަށާނީ ޒޯން 4 ގައި ކަމަށްވެސް އެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.
މި ގައުމީ މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ، އަގުހެޔޮ، އަދި އަރާމު ދަތުރުފަތުރުގެ ނިޒާމެއް ކަނޑުމަގުން ގާއިމްކޮށްދިނުމެވެ. އަދި މީގެ ސަބަބުން އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުން ރަށްތަކަށާއި ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.
Ads by MACL
