ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރެއްވުމުގެ ވައުދުފުޅު ފުއްދަވައި، ނިންމަވައިފިއެވެ. މިކަން ފުރިހަމަވެގެން މިދިޔައީ، މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ނ. ވެލިދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމާ އެކުއެވެ.
ވެލިދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމަކީ ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުކުރެއްވި ރަށު ކައުންސިލެވެ. މި ބައްދަލުވުމާއެކު، އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލްތަކާ ރަސްމީކޮށް ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު މިވަގުތު ގެންދަވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމެވެ. މި ދަތުރުފުޅުގެ ތެރެއިން ވެލިދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ކައުންސިލާ ބައްދަލުކުރެއްވުމަކީ މި މުހިންމު ލަނޑުދަނޑި ހާސިލްވުމަށް މަގުފަހިވި ކަމެކެވެ.
Ads by BMLރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ އިސްތިރާޖީ ވައުދުފުޅެއްގެ އިތުރުން، އެމަނިކުފާނުގެ ސިޔާސަތުގެ މުހިންމު ބައެކެވެ. އެމަނިކުފާނު ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ބަސްއަހައިގެން ވެރިކަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މި ބައްދަލުވުންތަކަކީ އެ ވައުދުފުޅު ޢަމަލީ ސިފައެއްގައި ފުއްދަވަމުން ގެންދަވާކަމުގެ ހެއްކެކެވެ.
މި ބައްދަލުވުންތަކުގައި، ރައީސް ވަނީ ކޮންމެ ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކައުންސިލްތަކާ ވަކިވަކިން މަޝްވަރާ ކުރައްވާފައެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، އަދި ސިޓީ ކައުންސިލްތައް ހިމެނޭގޮތުން ދިވެހިރާއްޖޭގައި މިވަގުތު ޖުމްލަ 200 ކައުންސިލް ޤާއިމުކުރެވިފައިވެއެވެ.
ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައިވުމުން، މަރުކަޒީ ސަރުކާރާއި ލޯކަލް ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށާއި، ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހަލުވި ހައްލެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
Ads by MACL
