ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޯ ޕޮޒިޓިވް ލޭ ޕެކެޓެއް 7000 ރުފިޔާއަށް ވިއްކަން ދިވެއްސަކު އަގު ކިޔައިފި

އޯ ޕޮޒިޓިވް ލޭ ޕެކެޓެއް 7000 ރުފިޔާއަށް ވިއްކަން ދިވެއްސަކު އަގު ކިޔައިފި

ބަލިމީހަކަށް ވަރަށް އަވަހަށް ބޭނުންވެފައިވާ އޯ ޕޮޒިޓިވް ލޭ ޕެކެޓެއް 7000 (ހަތްހާސް) ރުފިޔާއަށް ވިއްކުމަށް ދިވެއްސަކު އަގުކީ މަންޒަރު ފެންނަ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ނުރުހުމާއި ކަންބޮޑުވުން އެކަމަށް އަމާޒުވެއްޖެއެވެ.

މި ހާދިސާއިން ދައްކުވައިދެނީ، އިންސާނީ އެއްބައިވަންތަކަމާއި އެހީތެރިކަމުގެ ބަދަލުގައި ފައިސާއަށް ދަހިވެތިވެ، ނިކަމެތިންގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ މިންވަރު މުޖުތަމައުގައި އިތުރުވަމުން އަންނަ ކަމެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ސްކްރީންޝޮޓުން ފެންނަ ގޮތުގައި، އެމަޖެންސީ ހާލަތެއްގައި އޮތް ބަލިމީހަކަށް އޯ ޕޮޒިޓިވް ލޭ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައިވެއެވެ. އެ ޕޯސްޓުގައިވާ ގޮތުން، އައިޖީއެމްއެޗްގެ ބްލަޑް ބޭންކުންވެސް އެވަގުތު ލޭ ލިބެން ނެތުމުން، އެ ގްރޫޕުގެ ލޭ ހުރި ފަރާތަކުން ލޭ ހަދިޔާކޮށްދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން އެހީވާން ބޭނުންވާ ކަމަށް ބުނެ މީހަކު ކުރި މެސެޖްތަކެއްގެ ޚުލާސާއެއް ސްކްރީންޝޮޓުން ފެނެއެވެ. އެގޮތުން، ލޭ ހަދިޔާކުރަން ހުށަހެޅި ފަރާތުން ވަނީ "ކިހާވަރެއް ދެނީތޯ" އަދި "ކިހާވަރަކަށްތޯ ވިއްކަނީ" ފަދަ ސުވާލުތައް ކުރުމުން، "އެއް ޕެކެޓް 7000 ރުފިޔާ"އަށް ވިއްކާނެ ކަމަށް ބުނެފައެވެ. މިއާއެކު، ލޭ ބޭނުންވެފައިވާ ފަރާތުން ވަނީ "ލޭ ގަންނާނެ ފައިސާ ނެތް" ކަމަށް ބުނެ، އެމީހުންގެ ނުކުޅެދުންތެރިކަން ހިތާމަޔާއެކު ފާޅުކޮށްފައެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ލޭ ހަދިޔާކުރުމުގެ ރޫޙު އާލާވެފައިވާ، އަދި އެފަދަ އެތައް ހިތްހެޔޮ ބަޔަކު ދިރިއުޅޭ ޤައުމެކެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) އާއި އަމިއްލަ ޖަމިއްޔާތަކުން ހިންގާ ކޭމްޕުތަކަށް އެތައް ބަޔަކު އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރެއެވެ. ނަމަވެސް، މިފަދަ ހިތްހެޔޮ އަމަލުތަކުގެ ތެރެއިން، އިންސާނިއްޔަތުކަމާ މުޅިން ޚިލާފު މިފަދަ ޢަމަލުތައް ފެނުމަކީ މިއަދު މުޖުތަމަޢު އޮތް ހާލަތާމެދު ސުވާލު އުފެދޭ ކަމެކެވެ.

މިފަދަ ކަންކަން ފެންމަތިވަމުން އަންނަނީ އިޖުތިމާޢީ މައްސަލަތައް އިތުރުވެ، މަސްތުވާތަކެތީގެ ވަބާ ފުޅާވެ، އަޚްލާޤީ މިންގަނޑުތައް ދަށަށް ދިއުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ގިނަފަހަރަށް ލޭފޮދަކަށް އާދޭސްކޮށް ސަލާންޖަހަންޖެހެނީ މާލީ ގޮތުން ތަނަވަސްކަން ކުޑަ، ނިކަމެތި ޢާއިލާތަކަށެވެ. އެފަދަ ފަރާތްތަކުގެ ދަތި ހާލަތުގެ ފައިދާ ނަގައި، ފުރާނައެއް ސަލާމަތްކުރުމަށްޓަކައި ކުރެވޭ ހަދިޔާއެއް ވިޔަފާރިއަކަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކި، ދޫކޮށްލައިގެންވާނެ ކަމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން ދެރަވަމުންދާ ކަމުގެ ހެއްކެކެވެ. ކަމާބެހޭ އިދާރާތަކުން މިފަދަ މައްސަލަތައް ސީރިއަސްކަމާއެކު ބަލައި، ލޭ ވިއްކުމަކީ ޤާނޫނީ ގޮތުން ބޮޑު ކުށަކަށް ހަދައި، އެކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.

Screenshot

ހަމައެއާއެކު، ޤައުމީ ލޭގެ ބޭންކުތަކުގައި އަބަދުވެސް ލޭ ލިބެން ހުންނާނެ ގޮތް ހެދުމަކީ މިފަދަ ކަންކަން ހައްލުކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

ލެޔަކީ ފައިސާއަށް އަގުކުރެވޭނެ އެއްޗެއް ނޫންކަމާއި، އެއީ ފުރާނައެއް ސަލާމަތްކުރުމަށްޓަކައި ދެވޭ އަގުނުކުރެވޭނެ ހަދިޔާއެއްކަން ކޮންމެ ދިވެއްސަކުވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ.