ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަބްދުއްރަޙްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު ރާއްޖެ ގެނެސްފި

އަބްދުއްރަޙްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު ރާއްޖެ ގެނެސްފި

އއ. މާޅޮހުގައި ރަހުމުކުޑަގޮތަކަށް މަރާލި، އެ ރަށު އޯކިޑުމާގެ، އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށްފަހު އަނބުރާ ރާއްޖެ ގެނެސްފިއެވެ.

އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު، 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ ރޭ 19:50 ހާއިރުއެވެ. އަދި ހަށިގަނޑު ވަނީ މިހާރު މޯޗަރީއަށް ލާފައެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަޙްމާން މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި މާޅޮހު އޯކިޑުމާގޭގައި، ނިދާފައި އޮއްވައެވެ. މި މަރުގެ މައްސަލައިގެ ތަހުގީގަށްޓަކައި، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފުލުހުން ވަނީ ކުރިން ނިންމާފައެވެ.

ފުލުހުން ބުނީ، ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާ ކަމުގެ މައުލޫމާތު، އެ ރޭ ދަންވަރު 01:50 ހާއިރު ލިބުނު ކަމަށެވެ. އަބްދުއްރަޙްމާނު މަރުވީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަބްދުއްރަޙްމާނަށް ހަމަލާދީފައިވާއިރު، އެވަގުތު އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް ވެސް ގޭގައި ނިދާފައި އޮތް ނަމަވެސް، އޮތީ އެހެން ކޮޓަރިއެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމާއަށް ހޭލެވުނީ މީހަކު ދުވެފައިދާ އަޑަށެވެ.

އާއިލާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަބްދުއްރަޙްމާނަކީ އެއްވެސް މީހަކާ މައްސަލައެއް އޮތް، ނުވަތަ ރުޅިވެރިކަމެއް އޮންނަ މީހެއް ނޫނެވެ. އެހެންކަމުން މިފަދަ ރަހުމުކުޑަ އަމަލެއް ހިންގާފާނެ ކަމަށް ޝައްކު ކުރެވޭ ވަކި މީހަކު ނެތް ކަމަށް އާއިލާއިން ބުނެއެވެ. މާޅޮހު ރައްޔިތުން ބުނާގޮތުން ވެސް އޭނާއަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން އައި، އެއްވެސް މީހަކާ ޒާތީ ހަސަދައެއް އޮންނާނެ ފަދަ މީހެއް ނޫނެވެ.

އަބްދުއްރަޙްމާން އާއި ނާޒިމާގެ ތިން ދަރިން ތިބޭއިރު، ހާދިސާ ހިނގި އިރު ތިން ދަރިން ވެސް ތިބީ ރަށުން ބޭރުގައެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.