ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާބާދީއަށް ބެލުމެއްނެތި ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށް ގެންދާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅޮހީ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅޮހީ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ ރައީސް އޮފީސް

ރަށް ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާނީ އާބާދީއަށް ބެލުމެތްނެތިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރެއްވި ދަތުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އެއަތޮޅު ޅޮއްސަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅޮހީއަށް ވަޑައިގަތުން. ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ޅޮހީގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރިކަމަށާއި، އެކަންކަމަށް ވަރަށް ސަމާލުކަންދެއްވައިގެން ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ޅޮހީގެ ރައްޔިތުން އެދޭ ހުރިހާ މަޝްރޫޢުއެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އެގޮތުން މިހާރު ހިނގަމުންދާ ބަނދަރު ތަރައްޤީގެ މަޝްރޫޢުއަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކެއް ހުށައަޅާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ވީއެންމެ ރަނގަޅަކަށް ރައްޔިތުން އެދޭގޮތަށް އެބަދަލުތައް ގެނެސްދެއްވާނެކަމަށެވެ. އެ މަޝްރޫޢު ހިންގާނީ އޮޑިއެހެލާ ސަރަހައްދަކާއެކީގައި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޅޮހީގެ ސްކޫލަށް ޢުމްރާނީ މަޝްރޫޢުތަކެއް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށާއި، ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް ހުރިކަން ފާހަގަކުރައްވާ ރައީސްވަނީ ހުރިހާ ވަސީލތަކާއި ޚިދުމަތްތަކާއެކު އައު ޢިމާރާތެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ޖެނުއަރީ މަހު ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެ މަޝްރޫޢު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”އަންނަ އަހަރު ތެރޭ އުންމީދުކުރަނީ ދާއިމީ ޙައްލކަށް ބޭނުންވާނެ ޢިމާރާތެއް ސްކޫލުގައި އެޅިގެންދާނެކަމަށް.“ ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅޮހީ ރައްޔިތުންނާއި ބައްދަލުކުރެއްވުން . ފޮޓޯ ރައީސް އޮފީސް

ސިއްޙީ ދާއިރާއިން ކުރަންހުރި ކަންކަމުގެ ތެރޭގައި ޅޮހީ ސިއްހީ މަރުކަޒަށް އިތުރު ޚިދުމަތްތައް ބޭނުންވާކަމށާއި، އެގޮތުން ލެބޯޓްރީއާއި އިތުރު މުވައްޒަފުންވެސް އަދި ޖާގަވެސް އިތުރުކުރަންޖެހޭތީ، ސިއްޙީ މަރުކަޒަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭގޮތަށް މިއަހަރުގެ ސެޕްޓެމްބަރު މަހު އެ މަޝްރޫޢު ކޮންޓެކްޓަރަކާ ހަވާލުކޮށް ނޮވެމްބަރު މަހު ހިސާބުގައި އަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

”އަންނަ އަހަރު ވާނީ މިރަށުގެ ސިއްޙީ ނިޒާމަށް ރައްޔިތުން ހިތްހަހަމަޖެހޭ ހައްލެއް ރައްޔިތުން އެދޭ ފެންވަރަށް ޙައްލުކޮށްދޭނެ އަހަރަކަށް. ތައުލީމީ ދާއިރާވެސް ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން.“ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ޅޮހީގެ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމާއި، ފުޓްސަލް ދަނޑާއި، ވޮލީ ކޯޓެއް ތަރައްޤީކުރުން މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ.

އާބާދީއަށް ބެލުމެއްނެތި ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާކަން ފާގަކުރައްވަމުން ރައީސް ވަނީ ޅޮހީގެ މޫދަށް އެރޭ ސަރަހައްދު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުންވެސް މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރަށުގެ ރިންގް ރޯޑުގެ މަޝްރޫޢުވެސް ބަނދަރު މަޝްރޫޢުއާއެކު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ގެސްޓުހައުސް ޓޫރިޒަމަށް މުހިންމުކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޅޮހީގެ ތަރައްޤީއަށް ކުރަންހުރި ގިނަ ކަންކަން ފުރިހަމަވާނެކަމަށާއި، ކައުންސިލާއި ރައްޔިތުން އެރަށުގެ ތަރައްޤީއަށް އެދި ހުށައެޅި ދިގު ލިސްޓުގައި ހިމެނޭ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.