އިންސާފް ލަސްވެ - އެކުދިން ވަޅުލެވިއްޖެ 💔
ހިޞާރުކުރެވިފައިވާ ޣައްޒާ ސަރަހައްދުގައި ބަނޑޫހައިހޫނުކަމުން އިތުރު 10 ކުދިން މަރުވެއްޖެއެވެ.
ސިއްޙީ އޮފިޝަލަކު މައުލޫމާތު ދީފައިވާގޮތުގައި މިވަގުތު ޣައްޒާގައި ބަނޑޫހައިހޫނުކަމުގެ ރާޅެއް ފެތުރެމުންދެއެވެ. އަދި އިޒްރާއީލުގެ ހަނގުރާމަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނީއްސުރްސުރެ ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު މިފަހުގެ މަރުތަކާއެކު 111 އަށް އަރައިފިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނެފައިވާ ގޮތުގައި، މިއަހަރު މިހާތަނަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ ތެރޭގައި 5 އަހަރުން ދަށުގެ 21 ކުޑަކުދިން ހިމެނެއެވެ. އަދި މާރޗް މަހުން މެއި މަހާ ހަމައަށް ގާތްގަނޑަކަށް 80 ދުވަހުގެ މުއްދަތެއްގައި އެއްވެސް ކާބޯތަކެތި ފޯރުކޮށްދެވިފައި ނުވާ ކަމަށާއި، އަލުން ކާބޯތަކެތި ފޯރުކޮށްދޭން ފެށުނު ނަމަވެސް، އެއީ ބޭނުންވާ މިންވަރަށްވުރެ މާ މަދު އަދަދެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
Ads by BML
އެހީދޭ ޖަމުޢިއްޔާތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް މި ވަގުތު ލިބެނީ ވަރަށް މަދު އަދަދެއްގެ ކާބޯތަކެތި ކަމުގައެވެ. އަދި، ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީގައި އެތަކެއް ޓަނެއްގެ ކާބޯތަކެތި އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ނުދީ ތާށި ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ސާފު ބޯފެނާއި ބޭސްފަރުވާގެ ސާމާނު ހިމެނޭ ކަމުގައި ވެސް އެ ޖަމުޢިއްޔާތަކުން ބުންޏެވެ.
ޣައްޒާގައި ޤާއިމު ކޮށްފައިވާ ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތް ކޮށްފައިވާ މީހުންގެ ތެރެއިން %10 މީހުންނަށް މެލްނިއުޓްރިޝަންގެ ހާލަތު ކުރިމަތިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި މާބަނޑު އަންހެނުންގެ %20 ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނަށް ކަނޑަޅާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ އިސް އޮފިޝަލް ރިޗަރޑް ޕީޕަރކޯން ވިދާޅުވީ، މެލްނިއުޓްރިޝަންގެ ހާލަތު ތަހައްމަލު ކުރަމުންދާ 5,100 ކުދިން މިހާރު ވެސް ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކުގައި އެޑްމިޓު ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރެއިން 800 ކުއްޖެއްގެ ހާލަތު ސީރިޔަސް ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްްސުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާފައިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ ތެރޭގައި މަރސީ ކޯ، ނޯވީޖިޔަން ރެފިއުޖީ ކައުންސިލް، އަދި ރެފިއުޖީ އިންޓަރނޭޝަނަލް ހިމެނެއެވެ. "އިސްރާއީލުގެ ސަރުކާރުގެ ފުރަބަންދުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ވަނީ ހައިހޫނުގައި ޖެހިފައި، އަދި އިޖުތިމާޢީ ޚިދުމަތްތެރިން ވެސް ވަނީ ކާބޯތަކެތި ބަހާ ކިޔޫތަކަށް އަރާފައި، އެ މީހުންގެ ފުރާނައަށް ވެސް ވަނީ ނުރައްކާވެފައި. ޣައްޒާއިން ކާބޯތަކެތި ހުސްވެ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ މުވައްޒަފުންގެ ފުރާނަ ގެއްލެމުންދާ މަންޒަރު ދަނީ ފެންނަމުން،" އެ ޖަމުޢިއްޔާތަކުން ބުންޏެވެ.
Ads by MACL
