މިނިވަން ދުވަހުގެ މަގުމަތީ ހިނގާލުން މާލެއާއި ހުޅުމާލޭގައި ބާއްވާ ގޮތަށް ނިންމައިފި
ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން، ދިވެހި ސިފައިންގެ ފަރާތުން ބާއްވާ ފޯރިގަދަ މަގުމަތީ ހިނގާލުން މާލެ ސިޓީގެ ދެ ސަރަޙައްދެއް ކަމަށްވާ މާލެއާއި ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހިނގާލުމަކީ މިނިވަން ދުވަހުގެ އުފަލާއި ޤައުމީ ރޫޙުގައި ރައްޔިތުންނާ ގާތުން ބައިވެރިވުމުގެ މަޤްޞަދުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ.
މާލޭގެ ހަރަކާތްތައް ފެށިގެންދާނީ މިނިވަން ދުވަހާ ގުޅުވައިގެން ޖުލައި 26 ވަނަ ދުވަހު ބާއްވާ މާޗް ޕާސްޓާއި ކުޅިވަރު ހަރަކާތްތަކާ އެކުގައެވެ. އެ ދުވަހުގެ ހަވީރު 16:15 ގައި ވެލާނާގޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގެ ބައިވެރިން، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރުއަނގޮޅި، މިލިއަން ބުކްޝޮޕް ކައިރި، އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގުއުތުރު ކަންމަތި ފަދަ މުހިންމު ހަތަރު ސަރަޙައްދެއްގައި މަޑުކޮށް، މިލިޓަރީ ބޭންޑުގެ ހިތްގައިމު ރާގުތައް އާންމުންނަށް ހަދިޔާކުރާނެއެވެ.
Ads by BMLމާލެއެކޭ އެއްފަދައިން، ހުޅުމާލެ ވެސް މި އުފަލުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ. ހުޅުމާލޭގެ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިން ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުން ކުރިއަށްދާ މަގުމަތީގައި، ސެންޓްރަލް ޕާކްގެ އިރުމަތީ ދޮރާއްޓާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތުގައި މަޑުކޮށް، އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށްޓަކައި ބޭންޑްގެ ހުނަރު ދައްކާލާނެއެވެ.
މި ފަޚުރުވެރި ހިނގާލުމުގެ މެހިތަރެއްގެ (މާޝަލް) ޝަރަފުވެރި މަގާމު އަދާކުރައްވާނީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއެވެ. މިލިޓަރީ ބޭންޑާ އެކު ފަސް ގެމައެއް (ކޮންޓިންޖެންޓް) ހިމެނޭ މި ހިނގާލުން މި އަހަރު އިތުރަށް ޚާއްޞަވެގެންދަނީ، ޤައުމުގެ ދިފާޢީ ބާރާއި، ސްކޫލުތަކުގެ ކެޑޭޓް ކުދިން ބައިވެރިވުމުންނެވެ.
މިއީ ސިފައިންނާއި އަންނަން އޮތް ޖީލާ ދެމެދު އޮންނަ ވަރުގަދަ ގުޅުމާއި، ޤައުމީ ޚިދުމަތުގެ ރޫޙު އާލާކުރުމުގެ ރަމްޒެކެވެ.
މަގުމަތީ ހިނގާލުމަކީ ހަމައެކަނި ސިފައިންގެ އަސްކަރީ ހުނަރާއި ތަރުތީބު ދައްކުވައިދޭ ހަރަކާތެއް ނޫނެވެ. މިއީ މިނިވަންކަމުގެ ނިޢުމަތަށް ޝުކުރުވެރިވެ، ޤައުމީ އެއްބައިވަންތަކަން ދައްކުވައިދީ، އެންމެން އެކަތިގަނޑަކަށް ވެގެން އުފާފާޅުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
ވީމާ، މި ތާރީޚީ ހަރަކާތްތައް ބަލާލައި، ސިފައިންނަށް ހިތްވަރު ދިނުމަށް ވީހާވެސް ގިނަ ރައްޔިތުން މަގުތަކަށް ނިކުމެވަޑައިގަތުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.
Ads by MACL
