ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއެމްއޭއިން ޑޮލަރު ރިޒާވްގެ ނިސްބަތް އަނެއްކާވެސް ދަށްކޮށްފި

އެމްއެމްއޭއިން ޑޮލަރު ރިޒާވްގެ ނިސްބަތް އަނެއްކާވެސް ދަށްކޮށްފި

ޑޮލަރުގެ ދަތިކަމަށް ލުޔެއް ހޯދައިދީ، އިގްތިސާދީ ހަރަކާތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ރިޒާވްގެ ނިސްބަތް އަނެއްކާވެސް ދަށްކޮށްފިއެވެ.

މި ފިޔަވަޅުގެ ދަށުން، ބޭންކިން ނިޒާމުގެ ތެރެއަށް ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު އިތުރުވެ، ވިޔަފާރިތަކަށާއި އާންމުންނަށް ލޯނު ދޫކުރުމަށް ބޭންކުތަކަށް އިތުރު ފުރުސަތު ލިބިގެންދާނެ އެވެ.

މަރުކަޒީ ބޭންކުން މިކަން ކޮށްފައިވަނީ، ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ބޭރު ފައިސާގެ ރިޒަވްގެ މިންވަރު، ނުވަތަ މިނިމަމް ރިޒަވް ރިކުއަމަންޓް (އެމްއާރްއާރް) %7.5 އިން %5.0 އަށް ދަށްކޮށްގެންނެވެ.

އެމްއާރްއާރް އަކީ، ބޭންކުތަކުގެ ޖުމުލަ ޑިޕޮސިޓްގެ ތެރެއިން ރިޒާވްގެ ގޮތުގައި މަރުކަޒީ ބޭންކުގައި ބަހައްޓަން ޖެހޭ ނިސްބަތެވެ. މި ނިސްބަތް ދަށްކުރުމުން، ބޭންކުތަކަށް ލޯނު ދިނުމަށް އިތުރު ފައިސާ ލިބެ އެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ބަދަލު ގެނެސްފައިވަނީ ހަމައެކަނި ބޭރު ފައިސާގެ ޑިޕޮސިޓްތަކަށެވެ. ދިވެހި ރުފިޔާގެ ޑިޕޮސިޓްތަކަށް ކަނޑައަޅާފައިވާ އެމްއާރްއާރް %10 ގައި އެމްއެމްއޭއިން ވަނީ ހިފަހައްޓާފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭރު ފައިސާގެ އެމްއާރްއާރް %10 އިން %7.5 އަށް ދަށްކުރި ފަހުން، މި ނިސްބަތަށް ގެނައި ފުރަތަމަ ބަދަލެވެ.

ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ޑޮލަރުގެ ލިކުއިޑިޓީ އިތުރުކުރުމަށް އެމްއެމްއޭއިން ދަނީ މެދުކެނޑުމެއްނެތި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ވިޔަފާރިތަކުން ބޭރުގެ މުއާމަލާތްތައް ހިންގުމަށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު %40 އަށް އިތުރުކުރުމަށްވެސް މިދިޔަ ހަފްތާގައި އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ.

އެމްއާރްއާރްއަށް ބަދަލުގެނުމުގެ އިތުރުން، އިގްތިސާދުގައި ދައުރުވާ ފައިސާގެ މިންވަރު ބެލެހެއްޓުމަށާއި އަގުތައް ހިފެހެއްޓުމަށް އެމްއެމްއޭއިން އޯޕަން މާކެޓް އޮޕަރޭޝަންތަކާއި ޕޮލިސީ ރޭޓްތައް ފަދަ އެހެނިހެން މަނިޓަރީ ސިޔާސަތުގެ ވަސީލަތްތައްވެސް ބޭނުންކުރެ އެވެ.

މިފަދަ ފިޔަވަޅުތަކުގެ މައިގަނޑު މަގްސަދަކީ އިގްތިސާދީ ސްޓެބިލިޓީ ދެމެހެއްޓުމާއި ބޭންކިން ނިޒާމަށް އޮންނަ އިތުބާރު ހިފެހެއްޓުމެވެ.