ލޭ ވިއްކުމަކީ ކުށެއް: 7000 ރުފިޔާއަށް ލޭ ވިއްކަން އުޅުނު މައްސަލައެއް ބަލަނީ
ދެ ކިޑްނީ ފެއިލްވެފައިވާ ބަލި މީހަކަށް 'އޯ ޕޮޒިޓިވް' ގްރޫޕުގެ ލޭ ޕެކެޓެއް 7،000 ރުފިޔާއަށް ވިއްކަން އުޅުނުކަމުގެ ތުހުމަތުގައި، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން މައްސަލައެއް ބަލަން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާގައި އާންމުވި ޗެޓްލޮގެއްގެ ސްކްރީންޝޮޓަކާ ގުޅިގެންނެވެ.
އެ ޗެޓްލޮގުން ފެންނަ ގޮތުގައި، ބަލި މީހަކަށް ލޭ ހޯދުމަށް އެދުނު ފަރާތަށް، އެހެން މީހަކު ވަނީ ލޭ ވިއްކާ އަގެއްގެ ގޮތުގައި 7،000 ރުފިޔާ ހުށަހަޅާފައެވެ. ނަމަވެސް، އެ އަގަކީ ދެއްކޭނެ ވަރަށްވުރެ ބޮޑު އަދަދެއް ކަމަށް ލެއަށް އެދުނު ފަރާތުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން، 'ސަން' އަށް މައުލޫމާތު ދެއްވަމުން އެމްބީއެސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވި ކަމަށް އެނޫހުން ރިޕޯޓްކޮށްފައިވަނީ، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
Ads by BMLލޭ ބޭނުންވާ މިންވަރާ އަޅާ ބަލާއިރު ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުން މަދުކަން ފާހަގަކުރައްވަމުން، މިފަދަ ގާނޫނީ އަމަލުތައް ހިނގުމަކީ ސިއްހީ ނިޒާމަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް ޑރ. އުމަރު ވިދާޅުވިކަމަށް ސަންއިން ބުނެފައިވެއެވެ.
ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން، ސިއްހީ ބޭނުމަށް ލޭ ވިއްކުމާއި ގަތުމަކީ މަނާ ކަމެކެވެ. އެހެންކަމުން، ލޭ ހަދިޔާކުރުމުގައި ނުވަތަ ލިބިގަތުމުގައި އެއްވެސް ފަރާތަކުން މާލީ މަންފާއެއް ހޯދުމަކީ ކުށެކެވެ. މި ކުށުގެ އަދަބެއްގެ ގޮތުގައި 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަނޑައަޅާފައިވެއެވެ. އަދި މި ކުށް ތަކުރާރުކޮށްފިނަމަ، ޖޫރިމަނާގެ އިތުރުން އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމުގެ އިޚްތިޔާރުވެސް ގާނޫނުން ފަނޑިޔާރަށް ލިބިދެއެވެ.
ނަމަވެސް، ލޭ ނެގުމާއި، ޓެސްޓުކުރުމާއި، ރައްކާތެރިކަމާއެކު ބެހެއްޓުން ފަދަ ޚަރަދުތަކަށް ކަނޑައެޅޭ އަގެއް ނެގުމަކީ ހުއްދަ ކަމެކެވެ. ހަމައެއާއެކު، ލޭ ހަދިޔާކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ލިޔުމެއް ނުވަތަ ކާޑެއް ފަދަ އެއްޗެއް ދިނުމަކީ ކުށެއް ނޫނެވެ.
މި ސްކްރީންޝޮޓުތައް އާންމުވުމާއެކު ގިނަ ބަޔަކު ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެކަކު ކޮމެންޓުކޮށްފައިވާ ގޮތުގައި، ލޭ ހޯދުމަށް އެހީތެރިވާ ގްރޫޕުތަކުގައި މިފަދަ ކަންކަން ތަކުރާރުވެއެވެ. "ތިމަންނަ ގައިގައި ހުންނަ ލޭ ހިލޭ ނުދެވޭނެއޭ" ބުނެފައިވާ ފަހަރުތައް ވެސް އަންނަ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. ގިނަ މީހުން ދެކޭގޮތުގައި މިއީ އިންސާނިއްޔަތުކަމާ އެއްކޮށް ޚިލާފު، އަނިޔާވެރި އަމަލެކެވެ.
ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމަކަށްވުމުން، ލެޔަށް އޮންނަ ބޭނުން އަބަދުވެސް ބޮޑެވެ. އެމްބީއެސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ބޭނުންކުރާ ލޭގެ 70 އިންސައްތަ ބޭނުންކުރަނީ ތެލަސީމިއާ ބަލީގެ މީހުންނަށެވެ.
މިފަދަ ނާޒުކު ހާލަތެއްގައި، ބައެއް މީހުންގެ އަތުން ފައިސާ ނެގުމަށް މަސައްކަތް ކުރުމަކީ މުޅި މުޖުތަމައުއަށް ލިބޭ ހިތާމައެކެވެ.
Ads by MACL
