ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާ ޓާމިނަލުގެ ކޮންމެ މައްސަލައެއް އޮޓޮމެޓިކުން އެނގޭނެ، ހައްލުކުރަން މުވައްޒަފުން ތަމްރީނުކޮށްފި: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް، ފޮޓޯ: ދިޔަރެސް| އަބާން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް، ފޮޓޯ: ދިޔަރެސް| އަބާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) ޒަމާނީ އާ ޓާމިނަލަކީ "ވިސްނުންތެރި" އިމާރާތަކަށް ހަދައި، އެތަނުގެ ކޮންމެ ކަމެއްގައި މައްސަލައެއް ދިމާވެއްޖެނަމަ އޮޓޮމެޓިކުން އެނގޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. އަދި އެފަދަ ކޮންމެ ކަމެއް ވަގުތުން ހައްލުކުރުމަށް މުވައްޒަފުންނަށް ތަމްރީނު ދީ، ތައްޔާރުކޮށްފައިވާ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދެއެވެ.

"ވަގުތު އޮންލައިންއަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވިކަމަށް އެނޫހުން ރިޕޯޓްކޮށްފައިވަނީ، ޓާމިނަލުގައި 'ބިލްޑިން މެނޭޖްމަންޓް ސިސްޓަމެއް' ގާއިމުކޮށްފައިވާނެ ކަމަށެވެ. މިއީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ގިނަ ހިދުމަތްތައް އެއްތަނަކުން ލިބޭ އިމާރާތްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އެއީ 'ސްކާޑާ' ސިސްޓަމެއް ކަމަށެވެ.

"އޭގެ މާނައަކީ އެ ތަނުން އެލާޓް ކުރާނެ ކޮން ތަނެއްގައި ކޮން މައްސަލައެއްކަން އުޅެނީ. ފިނި ނުވިޔަސް އަޅުގަނޑުމެންގެ އޮޕަރޭޝަން ސެންޓަރަށް އެނގޭނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، 'އޮޕަރޭޝަނަލް ރެޑްނަސް އެކްޓިވޭޝަން' (އޮރަޓް) ގެ ނަމުގައި ހާއްސަ ކޮންސަލްޓެންސީއެއްގެ ލަފަޔާއެކު، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މުވައްޒަފުންނަށް ތަމްރީނު ދެމުން އަންނަ ކަމަށެވެ. "މި ތަނުގައި ހުރި ކޮންމެ ސިސްޓަމަކަށް އަހުލުވެރި ކުރުވައި، ފިނި ކުރާ ނިޒާމު ވިޔަސް، ކޮމިއުނިކޭޝަން ނިޒާމު ވިޔަސް، ބޯޑިން ބްރިޖަސް، މި ތަނުގެ ހުރިހާ ކޮމްޕޯނަންޓަށް މި ތަނުގެ މުވައްޒަފުން ތަމްރީންކޮށްފިން،" ޝަރީފް ވިދާޅުވިއެވެ.

މިފަދަ ގައުމީ ބޮޑު އެސެޓެއް ހެދުމަށްފަހު އެތަން ރަނގަޅަށް މެއިންޓެއިން ނުކުރެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާނެ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ތަމްރީނުތަކުގެ އިތުރުން، 'ބިލްޑިން މެނޭޖްމަންޓް ޓީމު' އިތުރަށް ވަރުގަދަކޮށް، ޓާމިނަލުގެ ކޮންމެ ކަމެއް ބެލެހެއްޓުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ 2016 ވަނަ އަހަރު ހަވާލުކުރި މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ. 78,000 އަކަ މީޓަރުގެ މި ޓާމިނަލް ނިންމުމަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުވިއިރު، އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމުގެ ގާބިލުކަން ލިბިގެންދާނެއެވެ.