މޯލްޑިވިއަނުން ޓިކެޓް ނެގުމަށް ލުޔެއް, އައިޑީ ކާޑު ކޮޕީ ހުށަހަޅާކަށް ދެން ނުޖެހޭނެ
ގައުމީ އެއާލައިން، މޯލްޑިވިއަނުން ޓިކެޓް ބުކްކުރުމުގެ އުސޫލަށް މުހިންމު އަދި ފަސޭހަ ބަދަލެއް ގެނެސްފިއެވެ. އެގޮތުން، އަންނަ އޮގަސްޓް މަހުން ފެށިގެން އެ އެއާލައިނުން ދަތުރުކުރުމަށް ޓިކެޓް ނަގާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ލައިސަންސް ކާޑުގެ ކޮޕީއެއް ހުށަހަޅާކަށް ދެން ނުޖެހޭނެއެވެ.
މޯލްޑިވިއަނުން ބުނީ މި ބަދަލު ގެނައީ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމުން، ޓިކެޓް ބުކްކުރުމަށް ބޭނުންވާނީ، ދަތުރުކުރާ ފަރާތުގެ އައިޑެންޓިފިކޭޝަން ލިޔުމުގައި (އައިޑީ ކާޑު، ޕާސްޕޯޓު ފަދަ) ވާ ގޮތަށް ފުރިހަމަ ނަމާއި އެހެނިހެން ތަފްސީލުތައް ހުށަހެޅުމެވެ. ޓިކެޓް އިޝޫކުރެވޭނީ މި މައުލޫމާތުތަކަށް ބަލައިގެންނެވެ.
Ads by BMLޓިކެޓް ނެގުމަށްފަހު ނަމުގައި އޮޅުމެއް އޮތްކަން އެނގިއްޖެނަމަ، ޓިކެޓް ނެގި ދުވަހުގެ ތެރޭގައި އެކަން އެންގުމުން އެއްވެސް އަގެއް ނެގުމެއް ނެތި ނަން ރަނގަޅުކޮށްދޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ. މިފަދަ ހާލަތްތަކުގައި އެއާލައިންގެ އީމެއިލް މެދުވެރިކޮށް ނުވަތަ 24 ގަޑިއިރު ހުޅުވާފައި ހުންނަ ހޮޓްލައިން 1671 އަށް ގުޅައިގެން އެހީތެރިކަން ހޯދޭނެއެވެ.
އެހެންނަމަވެސް، ޓިކެޓް ބުކްކުރަން އައިޑީ ކާޑު ކޮޕީ ބޭނުން ނުވި ނަމަވެސް، ދަތުރުކުރުމަށް އެއާޕޯޓަށް ދާއިރު، ޗެކިން ކުރުމަށާއި ބޯޓަށް އެރުމުގެ ކުރިން އޮރިޖިނަލް އައިޑީ ކާޑު، ލައިސަންސް ނުވަތަ ޕާސްޕޯޓް އޮންނަން ޖެހޭނެކަން މޯލްޑިވިއަނުން ވަނީ ހަނދާންކޮށްދީފައެވެ. މިއީ މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ.
Ads by MACL
