އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
:ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު އިތުރަށް ގަދަވެ، އުތުރުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. މެޓް އޮފީހުން ބުނީ، މިރޭ 22:15 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް މި ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށެވެ. މި ވަގުތުތަކުގައި ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ވައިގެ ބާރު ގަޑިއަކު 35 މޭލަށް ގަދަވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.
ހުދު ސަމާލަކީ މޫސުމަށް ސަމާލުކަން ދިނުމަށް އެންގުމުގެ ގޮތުން ނެރޭ އެންމެ ފުރަތަމަ ފިޔަވަހީގެ ސަމާލެވެ. މޫސުމުގެ ނުރައްކާތެރިކަން އިތުރުވާ މިންވަރަށް ބަލައި، މެޓް އޮފީހުން ރީނދޫ، އޮރެންޖް، އަދި ރަތް ސަމާލުވެސް ނެރެއެވެ.
Ads by BMLމި އެލާޓްއަކީ ވަކި ސަރަހައްދަކަށް ކަނޑައަޅާފައިވާ އެލާޓެއް ނަމަވެސް، މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެ، ގިނަ ހިސާބުތަކަށް ވިއްސާރަކޮށް، ކަނޑުތައް އާންމުކޮށް ގަދަވާނެ ދުވަސްތަކެކެވެ.
އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
