ޔަހޫދީ ސިފައިންގެ ބައިގަނޑެއްގައި ކާރަކުން ޖައްސައި ޒަޚަމްކޮށްލައިފި!
ޔަހޫދީ އަވަށެއް ކަމަށްވާ ކްފަރ ޔޯނާ ސަރަޙައްދުގައި ޔަހޫދީ އަސްކަރިއްޔާގެ ސިފައިންގެ ބައިގަނޑެއްގައި ކާރަކުން ޖައްސައި އެ މީހުން ޒަޚަމް ކޮށްލައިފިއެވެ.
ބަސް ހުއްޓިއެއް ކައިރީގައި ދިން މި ޙަމަލާގައި ޔަހޫދީންގެ އަށް ސިފައިންނަށް ވަނީ ޒަޚަމްވެފައެވެ. ދެ ސިފައިންގެ މީހުންނަށް ގިނަ އަނިޔާތަކެއް ލިބުންއިރު، ދެން ތިބި ހަ ސިފައިންނަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވެއެވެ. އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތެރޭގައި މެޔަށާއި ބޮލަށާއި ކަށިގަނޑަށް ލިބިފައިވާ ގެއްލުންތައް ހިމެނެއެވެ.
މަންޒަރު ދުށް މީހުން ބުނީ ބަސް ހުއްޓިއާ ދިމާލަށް ބާރު ދުވެލީގައި ކާރެއް ދުއްވާފައި އައިސްފައިވާ ކަމަށާއި ވީ އެންމެ ގިނަ ޢަދަދެއްގެ މީހުންގެ ގައިގައި ކާރުން ޖެއްސުމުގެ ބޭނުމުގައި އެ އުޅަނދު ކުޑަކޮށް އަނބުރާލާފައިވާ ކަމަށެވެ. މީހުން ގައިގައި އުޅަނދުން ޖެއްސުމަށް ފަހު ދުއްވަން އިން މީހާ ވަނީ އުޅަނދު ދޫކޮށްލައި އެ ސަރަޙައްދުން ފިލާފައެވެ.
Ads by BMLޔަހޫދީ ސިފައިންނަށް އަމާޒުކޮށް މި ފަދަ ޙަމަލާއެއް ދީފައި މި ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތައް އިންތިހާ ދަރަޖައަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 59،000އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޙަމަލާދޭން ފެށި ފަހުން ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ވެސް ޔަހޫދީން ދެމުންދާ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. ޢުދުވާން ފެށި ފަހުން ހުޅަނގު އައްސޭރީގައި އެކަނި ވެސް ފަލަސްޠީނުގެ 960 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
މި ސަބަބުތަކާހުރެ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންގެ ހިތުގައި ޔަހޫދީންނާމެދު ވަނީ ވަރަށް ބޮޑަށް ނަފްރަތު އުފެދިފައެވެ. ޖުލައި މަހުގެ 24ވަނަ ދުވަހު ހިނގި މި ހާދިޘާއަކީ މި ފަދަ ފުރަތަމަ ހާދިޘާއެއް ނޫނެވެ. މި ފަދަ ހާދިޘާތައް ފާއިތުވި މަސްތަކުގައި ހިނގާފައިވާއިރު، ޔަހޫދީންނަށް އަމާޒުކޮށް އާއްމުން ދޭ މި ފަދަ ޙަމަލާތަކަކީ އެތައް އަހަރެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާތައް ދިނުމުގެ ނަތީޖާ ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ސިފަކުރެއެވެ. މި ފަދަ ޙަމަލާތަކަކީ އިންސާފު ހޯދޭނެ މަގެއް ނެތިފައި ތިބި ބަޔަކަށް، އެ މީހުންގެ ކެކުޅުންތައް ބޭރުކުރެވޭނެ ހަމައެކަނި މަގު ކަމަށް ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
