ގުޅުން ވަރުގަދަކުރުމުގެ އަޒުމާއެކު، މޯދީއަށް ރައީސް ޑރ. މުއިއްޒުގެ ހޫނު މަރުޙަބާއެއް
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހެނދުނު ރާއްޖެއަށް ވަޑައިގަތުމާއެކު، މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މޯދީއަށް ރާއްޖެއިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު މޯދީއަށް އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ރައީސް ޑރ. މުއިއްޒެވެ. ރައީސްގެ އަރިހުގައި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާނު މައުމޫން، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، އަދި ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާގެ ސަފީރު ބަލާ ސުބްރަމާނިއަމް ވެސް އެ މަރުޙަބާ ދެންނެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހޫނު މަރުޙަބާއަށްފަހު، 'އެކްސް' ގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި މޯދީ ވަނީ ރައީސް މުއިއްޒު އަމިއްލަފުޅަށް އެއާޕޯޓަށް ވަޑައިގެން މަރުޙަބާ ދެންނެވުމުން އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLމޯދީގެ ޝަރަފުގައި އެއާޕޯޓުގައި ގާޑް އޮފް އޮނާއެއް އަރުވާފައިވާއިރު، ރަސްމީ މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ރައީސް އޮފީހުގައި ރަސްމީ މަޝްވަރާތައް ފެށިގެންދާނެއެވެ. މި މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ދެމެދުގައި މުހިންމު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުންވެސް އެޖެންޑާކުރެވިފައިވެއެވެ.
Ads by MACL
