އާ ޓާމިނަލް ހުޅުވުން: މާލެ ވަށާލައި، 19 ދިމާލަކުން އެއްވަގުތެއްގައި ހަވާއަރުވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާދަމާ ރޭ މާލެ ވަށައި 19 ދިމާލަކުން ހަ މިނެޓަށް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މި ހަވާ އެރުވުން ކުރިއަށްދާނީ މާލެ ވަށައިގެންވާ ކަނޑުގެ 16 ސަރަހައްދަކާއި، އެއާޕޯޓު ކައިރީގެ 3 ސަރަހައްދެއް ހިމެނޭހެން، ޖުމްލަ 19 ދިމާލަކުންނެވެ. މާދަމާ ރޭ 8:30 ގައި ފަށާ މި ހަރަކާތް ހަ މިނެޓު ވަންދެން ކުރިއަށްދާނެއެވެ. އެމްއޭސީއެލް އިން ވަނީ މި ހަވާއަކީ ގިނަ ސަޕްރައިޒްތަކެއް ހިމެނޭނެ "ތާރީޚީ ހަވާއެއް" ކަމަށް ސިފަކޮށްފައެވެ.
މި ބޮޑު ހަފްލާ ބާއްވަނީ ހަމައެކަނި އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައެއް ނޫނެވެ. މިއީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކާ ވެސް ދިމާކޮށްގެން ބާއްވާ ހަރަކާތެކެވެ. މީގެ ކުރިން ރާއްޖޭގައި އެރުވި އެންމެ ބޮޑު ހަވާއަކީ 2018 ވަނަ އަހަރު ސިނަމާލެ ބްރިޖް ހުޅުވުމަށް އެރުވި ހަވާއެވެ. ނަމަވެސް، މިފަހަރުގެ ހަވާއަކީ އެއަށްވުރެ މާ ބޮޑު އަދި ފުރަތަމަ ފަހަރަށް މާލެ ވަށައިގެން މިހާ ގިނަ ސަރަހައްދުތަކެއްގައި އެއްފަހަރާ ބާއްވާ ހަވާއަށް ވާނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ އާ ޓާމިނަލްގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ 2016 ވަނަ އަހަރެވެ. ޖުމްލަ 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ މި ޓާމިނަލަކީ 78,000 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. މި ޓާމިނަލްގެ ސަބަބުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލްކަން އެއާޕޯޓަށް ލިބިގެންދާނެއެވެ.
Ads by BML
Ads by MACL
