އިންޑިއާއިން އެމްއެންޑީއެފް އަށް 72 އުޅަނދު ހަދިޔާކޮށްފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރަސްމީ ދަތުރުފުޅާ ގުޅުވައިގެން، އެ ޤައުމުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އަށް ޖުމްލަ 72 އެއްގަމު އުޅަނދު ހަދިޔާކޮށްފައެވެ.
މި ވެހިކަލްތައް ރަމްޒީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ވަނީ ހަވާލުކޮށްފައެވެ.
މި އުޅަނދުތައް ހަދިޔާކުރުމަށް ނިންމާފައިވަނީ، މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، އެ ޤައުމުގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގް އާއެކު ސޮއިކުރެއްވި ދިފާޢީ އެއްބަސްވުމެއްގެ ދަށުންނެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް މުޢިއްޒުއާ މި ވެހިކަލްތަކުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު މޯދީއެވެ.
އިންޑިއާއިން ހަދިޔާކުރި 72 އުޅަނދުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ވެހިކަލްތައް ހިމެނެއެވެ. އޭގެ ތެރޭގައި:
-
27 ގޮނޑީގެ އަށް ބަސް
-
10 ޕިކަޕް
-
ކުޑަ 10 ވޭން
-
10 ވޭން
-
ފަސް ލޮރީ
-
އަށް ޓްރެކްޓަރު
-
ހަތަރު ޓިޕާ ޑަމްޕް ޓްރަކް
-
ހަތަރު ބެކްހޯ ލޯޑަރު
-
ދެ ކެރޭން
-
ހަ މިނީ އެކްސްކަވޭޓަރު
-
ފަސް އެކްސްކަވޭޓަރު
އިންޑިއާ ސަރުކާރުން ފާހަގަކުރާ ގޮތުގައި، މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ބަދަހި ގުޅުމުގެ ހެއްކެއް ކަމަށާއި، މި ވެހިކަލްތަކުގެ ސަބަބުން އެމްއެންޑީއެފްގެ ހިންގުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދިފާޢީ އެހީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އިތުރު 8 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކާއި، ޔޫޕީއައިގެ ޚިދުމަތް ރާއްޖޭގައި ފެށުމުގެ އެއްބަސްވުން ފާހަގަކޮށްލެވެއެވެ.
Ads by MACL
