ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭގޮތް ހަދައިފި

ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭގޮތް ހަދައިފި

ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ ވިޔަފާރީގެ މުޢާމަލާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ (އައިއެންއާރު) އެކައުންޓް ހުޅުވުމުގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.

އަންނަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ދިވެހިންނާއި ބިދޭސީންގެ އިތުރުން ވިޔަފާރިތަކަށްވެސް ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް މި އެކައުންޓް ހުޅުވާލެވޭނެއެވެ.

މި ޚިދުމަތަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކޮށް، ދިވެހި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް އިންޑިއާއާއެކު މުޢާމަލާތް ކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ބޭންކުން ދެކެއެވެ. މީގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ފައިސާ ފޮނުވުމާއި ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަރީފު ވިދާޅުވީ، "މިއީ ބޭންކަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ޚިދުމަތުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރިއާއި އިންވެސްޓްމަންޓަށް އާ އުދަރެސްތަކެއް ހުޅުވި، ބައިނަލްއަޤްވާމީ މުޢާމަލާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" ކަމަށެވެ.

ކަސްޓަމަރުންނަށް މި އެކައުންޓްތަކަށް އިންޑިއަން ރުޕީގެ 500 ގެ ނޫޓާއި އެއަށްވުރެ މަތީ އަގުގެ ނޫޓުތައް ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ޖަމާކުރެވޭނެއެވެ. މީގެ އިތުރުން، އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން (އެންޕީސީއައި) އާ ގުޅިގެން އިތުރު ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްވެސް ބޭންކުން ދަނީ ކުރަމުންނެވެ. އެގޮތުން، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ނެޓްވޯކުގައި ރުޕޭ ކާޑު ބަލައިގަންނަން ފެށުމަށް ވަނީ ހަމަޖެހިފައިވާއިރު، ކުރިމަގުގައި ރުޕޭ ކާޑު ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ޙައިޘިއްޔަތުން، ޤައުމީ ފެންވަރުގައި ބޭންކިންގ ވިއުގައެއް ޤާއިމުކޮށްފައިވާ މުއައްސަސާއެކެވެ. އެގޮތުން، 40 ބްރާންޗާއި، 133 ސެލްފް-ސަރވިސް ބޭންކިންގ ސެންޓަރާއި، 188 އޭޓީއެމްގެ އިތުރުން، އޭޖެންޓް ބޭންކިންގ ޚިދުމަތްތަކާއެކު ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެމުން އާދެއެވެ.