ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭރު ބަޔަކު އައިސް ގައުމު ބެލެހެއްޓުމުގެ ފުރުސަތު ނުދޭނަން: ރައީސް

މިނިވަން ދުވަހުގެ މުނާސަބަތުގައި ސަލާމަތީ ބާރުތަކާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ސަލާމަތީ ބާރުތަކާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައި، ބޭރުގެ އެއްވެސް ބަޔަކަށް ގައުމުގެ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، އެއީ ދިވެހި ސިފައިންނާއި ފުލުހުންނަށް ޚާއްސަ އިސްކަމެއް ދެއްވާ މައިގަނޑު ސަބަބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސަލާމަތީ ބާރުތަކާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމުގެ ކަންކަން އަމިއްލައަށް ބެލެހެއްޓުމާއި ދިވެހި ރައްޔިތުންގެ ހިމާޔަތަށް އަބަދުވެސް ތައްޔާރަށް ތިބުމަކީ އެންމެ މުހިންމު އެއްކަންތައް ކަމަށެވެ.

އެމަނިކުފާނު ސިފައިންނާއި ފުލުހުންނަށް އިސްކަން ދެއްވާ ސަބަބާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި، އޭގެ ޖަވާބަކީ ގައުމީ މިނިވަންކަން ކަށަވަރުކުރުން ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވަށައިގެން މި އޮތް ކަނޑުގެ ބޮޑު ސަރަހައްދު، އަޅުގަނޑުމެންގެ އިގްތިސާދީ ސަރަހައްދު، އަޅުގަނޑުމެން އަމިއްލައަށް ބަލަހައްޓާނީ. އެހެން ބަޔަކު އައިސްގެން މިކަން ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެހެންވެ އަޅުގަނޑުމެން ސިފައިންނަށާއި ފުލުހުންނަށް މިހާ ބޮޑު އިސްކަމެއް ދީގެން މި އިންވެސްޓު ކުރަނީ،" ރައީސް ވިދާޅުވިއެވެ.

މިކަމުގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ސިޔާސަތު ގެންގުޅުއްވި ނަމަވެސް، ގައުމީ ކަންކަމުގައި އެހެން ގައުމުތަކުގެ ފަންނީ އަދި އެހެނިހެން އެހީތެރިކަން ހޯދަން ޖެހޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ގައުމަށްޓަކައި ޖިހާދުކުރެއްވި އަބްޠާލުންގެ ޒިކުރާ އާކުރައްވަމުން، އަންނަން އޮތް ޖީލުތަކަށް މިނިވަން ގައުމެއް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ރައީސް ވަނީ ސިފައިންނާއި ފުލުހުންގެ ގާބިލްކަން އިތުރުކޮށް، އެ މުއައްސަސާތައް ހަރުދަނާ ކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ސަލާމަތީ ބާރުތަކަށް ކޮށްދޭން ޖެހޭ ކޮންމެ ކަމެއް ފަޚުރުވެރިކަމާއެކު އިސްކަންދެއްވައިގެން ފުރިހަމަކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.