ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާއާ ޕާލިމެންޓަރީ ގުޅުން ބަދަހިކުރުމަށް ފްރެންޑްޝިޕް ގްރޫޕެއް އުފައްދައިފި

މޯދީ، މަޖިލިސް ރައީސް އަބްދުއްރަހީމްއާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
މޯދީ، މަޖިލިސް ރައީސް އަބްދުއްރަހީމްއާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އާ ހަރުފަތަކަށް ގެންދިއުމުގެ އަމާޒުގައި، ރާއްޖޭގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި "އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕެއް" އުފައްދާފައިވާކަން ރަސްމީކޮށް ހާމަކޮށްފިއެވެ.

މިކަމުގެ ސަބަބުން ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދެ ގައުމުގެ އިސްވެރިން ގަބޫލުކުރައްވައެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އާއި މަޖިލީހުގެ އިސް ވަފުދެއް މިއަދު ވަނީ ޚާއްޞަ ބައްދަލުކުރެއްވުމެއް ބާއްވަވައިފައެވެ. ކުރުނބާ އައިލެންޑް ރިސޯޓްގައި އޮތް މި ބައްދަލުވުމަށްފަހު، މޯދީ ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި، އަވަށްޓެރިކަމުގެ މި ހަރުދަނާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އަލަށް އުފެދުނު ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަކީ ދެ ގައުމުގެ ގުޅުމަށް ލިބުނު އިތުރު ބާރެކެވެ.

މި ޓްވީޓަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ހިންދީ ބަހުން ކުރެއްވި ޓްވީޓެއްގައި، ބޮޑުވަޒީރު މޯދީ ވަގުތުކޮޅެއް ހުސްކުރައްވައިގެން މަޖިލީހުގެ ވަފުދާ ބައްދަލުކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި މޯދީއަށް ޝުކުރު ދެންނެވިއެވެ.

"މި ފްރެންޑްޝިޕް ގްރޫޕަކީ ވަރަށް މުހިންމު، މާނަފުން މަސައްކަތެއް. ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން މިއަށްވުރެ މާ އުހަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިފަދަ ފްރެންޑްޝިޕް ގްރޫޕްތަކުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމާއި، ތަޖުރިބާ ހިއްސާކުރުމާއި، ގުޅުން ބަދަހިކުރުމެވެ.

ދާދިފަހުން ދެ ގައުމުގެ ދެމެދުގައި ބައެއް ސިޔާސީ ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި މިފަދަ ގްރޫޕެއް އުފެދުމަކީ، ގުޅުންތައް އަލުން ހަމައަކަށް އެޅުވުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށް ސިޔާސީ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު މޯދީ ވަނީ ރާއްޖޭގެ ސަރުކާރާއި ސިޔާސީ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެގޮތުން އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި، ރަސްމީ ވާހަކަތައް ބާއްވަވައިފައެވެ.

މި ބައްދަލުވުމަށްފަހު، ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ބައެއް އާލާތްތަކާއި އުޅަނދުފަހަރުގެ އިތުރުން، ސިއްހީ ދާއިރާއަށް މުހިންމު އެހީތަކެއް ފޯރުކޮށްދެއްވާފައިވެއެވެ. އަދި އިންޑިއާއަށް ދައްކަންޖެހޭ ދަރަނި އަދާކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައިވެއެވެ.

މީގެ އިތުރުން މޯދީ ވަނީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބާއްވާ ޚާއްޞަ ޕެރޭޑާއި ހަރަކާތްތަކުގައި ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެއަށްފަހު މިއަދުގެ ވަގުތެއްގައި އެނބުރި އިންޑިއާއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.