ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ސޯލިހު ވެރިކަމުގެ ހުވަފެން، ގެދޮރުވެރިޔާގެ ކުލި ކުޑަކުރާނެ ކަން އިއުލާންކޮށްފި!

ރައީސް ސޯލިހު ވެރިކަމުގެ ހުވަފެން، ގެދޮރުވެރިޔާގެ ކުލި ކުޑަކުރާނެ ކަން އިއުލާންކޮށްފި!

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 'ގެދޮރުވެރިޔާ' ފްލެޓްތަކުގެ ކުލި ބޮޑުކޮށް، އާންމުންނަށް ބުރަ ބޮޑުކޮށްފިކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ވެރިކަމެއް އަލުން އަތުވެއްޖެނަމަ އެކަން ބަދަލުކުރައްވާނެ ކަމުގެ ހުވަފެން ދައްކަވައިފިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި، އާންމު ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތަށް އަލުން ކުޑަކޮށްދެއްވާނެ ކަމަށެވެ.

ސޯލިހް މިހެން ވިދާޅުވިއިރު މި ސަރުކާރުން ވަނީ ތިން ކޮޓަރީގެ ފްލެޓުން އެޑްވާންސް ފީގެ ގޮތުގައި 25,000 ރުފިޔާ އަދި ދެ ކޮޓަރީގެ ފްލެޓުން 15,000 ރުފިޔާ ނެގުމަށް ނިންމާފައެވެ.

މީގެ އިތުރުން މަހު ކުލި ވެސް ވަނީ ތިން ކޮޓަރީގެ ފްލެޓަކުން ކުލީގެ ގޮތުގައި 9,000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1,500 ރުފިޔާ ނަގާއިރު، ދެ ކޮޓަރީގެ ފްލެޓަކުން ކުލީގެ ގޮތުގައި 7,000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1,000 ރުފިޔާ ނެގުމަށް ވަނީ ހަމަޖައްސާފައެވެ.

ނަމަވެސް، ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ނިންމާފައި އޮތީ މާ ބޮޑުތަން ހެޔޮ އަގުތަކެކެވެ. އެމްޑީޕީގެ ތަސައްވުރަކީ ތިން ކޮޓަރީގެ ފްލެޓެއް 8,000 ރުފިޔާއަށް އަދި ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާއަށް ދިނުމަށެވެ. ހަމައެއާއެކު، އެއްވެސް އެޑްވާންސް ފީއެއް ނެގުމަކާ ނުލައި، އަދި ފްލެޓަށް ބަދަލުވާ އާއިލާތަކަށް ލުޔެއް ދިނުމުގެ ގޮތުން ފުރަތަމަ ތިން މަސް ދުވަހު ކުލި ނުނަގާ ގޮތަށް އޮތީ ނިންމާފައެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޞާލިޙް ވަނީ 2028 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމެއް އަންނާނެ ކަމަށް ވިދާޅުވެ، އެ ވެރިކަމެއްގައި މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ބަދަލުކޮށްފައިވާ އަގުތައް، ކުރިން އެމްޑީޕީން ކަނޑައެޅި ހެޔޮ އަގުތަކަށް ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ 4000 ފަރާތުގެ ބޮޑު ލިސްޓު، މި ސަރުކާރުން ވަނީ ހަމަޔަކަށް އަޅުވައި އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1820 މީހުން ކަމަށް ކަނޑައަޅާފައެވެ. އެމީހުންނާއެކު އެގްރީމެންޓްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.