ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ފުރާވަޑައިގެންފި

މޯދީ އިއްޔެ ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބައި ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)
މޯދީ އިއްޔެ ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބައި ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެމަނިކުފާނުގެ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.

ރައީސް މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް މަރުހަބާ ދަންނަވައި، ދަތުރުފުޅު ނިންމަވާލެއްވުމުން ސަލާން ދަންނަވާފައެވެ.

މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އެއްބާރުލުން ދިނުމުގެ ހަތަރު އެމްއޯޔޫއަކާއި، އިތުރު ތިން އެއްބަސްވުމެއްގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމްކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުން ހިމެނެ އެވެ.

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ގުޅިގެން ރައީސް މުއިއްޒު ކުރެއްވި 'އެކްސް' ޕޯސްޓެއްގައި ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މުސްތަގުބަލަށްޓަކައި ސާފު މަގެއް ފެނިގެން ހިނގައްޖެ ކަމަށެވެ.

ރާއްޖޭގައި ހުންނެވި ދެ ދުވަހުގެ ތެރޭގައި މޯދީ ވަނީ ބައެއް ސިޔާސީ ލީޑަރުންނާ ބައްދަލުކުރައްވައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގި ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ.

މިއީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން މޯދީ ރާއްޖެއަށް ކުރެއްވި ތިންވަނަ ދަތުރުފުޅުކަން ފާހަގަކޮށްލެވެ އެވެ.