ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އާ ފެށުމެއް: ވީއައިއޭގެ ޒަމާނީ ޓާމިނަލް ހުޅުވައިފި
ތިން ސަރުކާރެއްގެ ދައުރު ހޭދަވެގެންދިޔަ ދިގު އިންތިޒާރަކަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އާ ބައިނަލްއަގުވާމީ ޓާމިނަލް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި ތާރީޚީ ޓާމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޓާމިނަލާއެކު، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލްކަން އެއާޕޯޓަށް ލިބިގެންދާނެއެވެ.
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން ހިތްގައިމު ޑްރޯން އަދި ލައިޓް ޝޯއެއް ކުރިއަށް ގެންގޮސްފައިވެއެވެ. ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ޓާމިނަލް ބައްލަވާލައްވާފައެވެ.
މި ޓާމިނަލް ފަރުމާކޮށްފައިވަނީ ދިވެހިވަންތަކަމާއި ޒަމާނީ ޓެކްނޮލޮޖީ އެއްކޮށްލައިގެންނެވެ. އިމާރާތުގެ ބޭރު ފާރުތައް ޤަދީމީ މިސްކިތްތަކުގެ ހިރިގަލު ކުރެހުންތަކަށް ނިސްބަތްވާ ގޮތަށް ފަރުމާކޮށްފައިވާއިރު، ޓާމިނަލުގެ ބައްޓަމުން ކަނޑުގެ ރާޅުތައް ދައްކުވައިދެއެވެ. އެތެރޭގެ ޑިޒައިންގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ދިވެހިރާއްޖޭގެތިމާވެށީގެ ރީތިކަން ރަމްޒުކޮށްދޭ ނޫކުލަ އާއި ހުދުކުލައެވެ.
Ads by BMLފަސިންޖަރުންނަށް ޚިދުމަތްތައް ފަސޭހަކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ސީދާ މަތިންދާބޯޓަށް އެރޭނެ 15 އެއިރޯބްރިޖް، އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރާއި ހަ ކިއޯސްކް، އަދި ފުރާ އަދި އަންނަ ފަސިންޖަރުންނަށް ޖުމްލަ 48 އިމިގްރޭޝަން ކައުންޓަރު ހިމެނެއެވެ. މީގެ އިތުރުން، ޖާގައިގެ ގޮތުން ތަނަވަސް ބެގޭޖް ކްލެއިމް ސަރަހައްދެއްގައި ހަތަރު ބެލްޓް، އަދި ހިނގުން ފަސޭހަކުރުމަށް 14 އެސްކެލޭޓަރާއި 4 ވޯކަލޭޓަރު ހަރުކޮށްފައިވެއެވެ.
މި ބިޔަ މަޝްރޫއު ފެށިގެން އައީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ސައޫދީ ބިން ލާދިން ކުންފުންޏާ 5.3 ބިލިއަން ރުފިޔާއަށް ހަވާލުކުރުމުންނެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފަރުމާއަށް ބަދަލުގެނެސް، މަސައްކަތް ކުރިއަށް ގެންދިއުމަށް 386 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިނެއް ނެގިއެވެ.
މަޝްރޫއު ނިންމުމަށް ބޭނުންވި ފަހުގެ 1.2 ބިލިއަން ރުފިޔާ މި ސަރުކާރުން ހަމަޖައްސައި މަސައްކަތް ނިންމާލިއިރު، މި ޓާމިނަލަށް ޖުމްލަ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
Ads by MACL
