ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޙަޤީޤީ ތަރައްޤީ ޙާޞިލުކުރެވޭނީ ޤައުމީ ވިސްނުމާއެކު އަމިއްލަ ނަފްސު އިޞްލާޙުކޮށްގެން: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ޑރ.މުޢިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ޑރ.މުޢިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޤައުމުގެ ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީ މަސައްކަތްތަކެއް ނޫން ކަމަށާއި، ޙަޤީޤީ ކުރިއެރުން ޙާޞިލުކުރެވޭނީ ކޮންމެ ދިވެހި ފަރުދަކުވެސް އަމިއްލަ ނަފްސު އިޞްލާޙުކޮށް، ވިސްނުމާއި ފިކުރު ތަރައްޤީކުރުމަށް ޢަޒުމް ކަނޑައަޅައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީއަށް މާނައެއް ލިބެނީ، ދިވެހިންނަކީ ކޮބައިކަން އަމިއްލައަށް ދަނެ، ދިވެހިވަންތަކަމާއި، ބަހާއި، އިސްލާމްދީނަށް ލޯބިކޮށް، އެކަންކަމަށް އިސްކަންދީގެންކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމަށްޓަކައި ޤުރުބާންވި އަބުޠާލުންގެ ޖިހާދު ހަނދާންކޮށް، އެކަމުން ޢިބުރަތް ޙާޞިލުކުރުމަކީ ޤައުމީ ރޫޙު އާލާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިނިވަންކަމަކީ އެތައް ބައެއްގެ ބުރަ މަސައްކަތުން ލިބިފައިވާ އަގުހުރި ތަރިކައެއްކަން ހަނދާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ކަމަށެވެ. "ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައްޔާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުގައި، ތިމަންނާ މަސައްކަތްކޮށްފީވިއްޔާ އެކަންޏޭ އެކަން އެވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު، އެއްވެސް ޝައްކެއްނެތި، މިއަދު ޔަޤީންކަމާއެކު ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ 'ދިވެހިންނަށް އިސްކަންދިނުން' ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ޤައުމުގެ ކަންކަން ދިވެހިންގެ އަމިއްލަ އަތުން ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެހެންނަމަވެސް، ދިވެހިންނަށް ފައިދާހުރި ކޮންމެ ކަމެއްގައި ބޭރުގެ އެކި ޤައުމުތަކާ ގުޅުން ބަދަހިކޮށްގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ޤައުމެއްގެ ގޮތުގައި ދެމިއޮވެވޭނީ، ހުރިހާ ރައްޔިތުން އެއް ވިސްނުމެއްގައި، ޤައުމީ ލޯބި އިސްކޮށްގެންކަން ފާހަގަކުރައްވައި، އެ ޢަޒުމުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދެވުމަށް އިޚްލާސްތެރިކަމާއެކު، ރެޔާއި ދުވާލު މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ތަކުރާރުކޮށް ރައްޔިތުންނަށް ދެއްވިއެވެ.