ޚިދުމަތުގެ އަގުވަޒަންކޮށް، 94 ބޭފުޅަކަށް ރައީސް ޝަރަފުގެ އިނާމު ދެއްވައިފި
ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅެއްގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "ޝަރަފުގެ ބެޖާއި އައްޑަނަ" އަރުވައިފިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި މިއިނާމުތައް ދެއްވި އިރު އެޖަލްސާ އޮތީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައެވެ.
މި އިނާމަކީ، ރައީސުލްޖުމްހޫރިއްޔާ އަލަށް ތަޢާރަފް ކުރެއްވި ޝަރަފުވެރި އިނާމެކެވެ. މި އިނާމު ދެއްވުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރިކަމާއި ޤާބިލުކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޤައުމީ ޚިދުމަތް ފާހަގަކޮށް، އެ ބޭފުޅުންނަށް ޝުކުރު އަދާކުރުމެވެ. މީގެ އިތުރުން، އެ ބޭފުޅަކު މަސައްކަތްކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ވެފައިވާ ޚިދުމަތްތައްވެސް މި އިނާމުން ފާހަގަކުރެއެވެ.
Ads by BMLމިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު އިނާމު ލިބިވަޑައިގެންނެވި 94 ބޭފުޅުންނަކީ 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. މި އިނާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ބެޖާއި އައްޑަނަ ދެއްވުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ދެ ފުރުސަތުގައިވެސް އިނާމު ދެއްވާނެ ބޭފުޅުން ކަނޑައަޅުއްވާފައިވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މިއަދުގެ ޖަލްސާގައި، ދިވެހި ދައުލަތަށް ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޝަރަފުވެރި އިނާމު ލިބިވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙަބާ ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ.
Ads by MACL
