ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދޯންޏެއްގެ ބެޓެރި ގޮވައި ފިހުނު ދެ ބިދޭސީންގެ ހާލު ސީރިއަސް

ދޯންޏެއްގެ ބެޓެރި ގޮވައި ފިހުނު ދެ ބިދޭސީންގެ ހާލު ސީރިއަސް

އއ. މާޅޮހުގައި އޮތް ވެލި ނަގާ ދޯންޏެއްގެ ބެޓެރިއެއް ގޮވައިގެން ހިނގި ހާދިސާއެއްގައި ވަރަށް ބޮޑަށް ފިހުނު އިންޑިއާގެ ދެ މީހުންގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ފަރުވާ ދޭން ފަށައިފި އެވެ.

"ނަސްރު 7" ނަމަކަށް ކިޔާ އެ ދޯނީގައި މި ހާދިސާ ހިނގާފައިވަނީ ރޭ 8:45 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެ ދޯނީގައި މަސައްކަތްކުރާ އުމުރުން 33 އަހަރާއި 40 އަހަރުގެ ދެ ބިދޭސީ ފިރިހެނުންނަށެވެ. އެމީހުންގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

އައިޖީއެމްއެޗުން ބުނީ، އެ ދެ މީހުންގެ ހާލަތުވެސް ވަރަށް ސީރިއަސް ކަމަށާއި، ޑޮކްޓަރުންގެ ހާއްސަ ޓީމެއްގެ ބެލުގެ ދަށުން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ ދެމީހުންނަށް ފުރަތަމަ ފަރުވާ ދިނީ މާޅޮހު ސިއްހީ މަރުކަޒުންނެވެ. ނަމަވެސް ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

ދޯނީގެ ވެރިފަރާތް އަހުމަދު ލަތީފު ވިދާޅުވީ، ގޮވުން ހިނގީ ދޯނީގެ އިންޖީނުގެ ބެޓެރިއެއް ގޮވައިގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ނަމަވެސް މި ހާދިސާގައި ދޯންޏަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.