ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ޤާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ރައީސް ހުޅުވައިދެއްވައިފި
ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށްވާ، މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ހުޅުމާލޭގައި ޤާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.
މާލޭގައި ކުރިން ހިންގަމުން އައި މި ދެ ކޯޓު ހުޅުމާލެއަށް ބަދަލުކުރުމާއެކު، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، އަޑުއެހުންތައް އަވަސްވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
އެޗްޑީސީއާ ހަވާލުކޮށްގެން ތަރައްޤީކުރި ޖަސްޓިސް ބިލްޑިންގ އެނެކްސްގެ ނަމުގައި ހުޅުވި މި ޢިމާރާތުގައި، ޖުމްލަ 15 ކޯޓު ރޫމް ހިމެނެއެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓަށް ޚާއްޞަ 10 ކޯޓު ރޫމާއި ޑްރަގް ކޯޓަށް ޚާއްޞަ 5 ކޯޓު ރޫމް ހިމެނޭއިރު، 17 ފަނޑިޔާރަކަށް ޖާގަ ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން، ދިފާޢީ ވަކީލުންނާއި ދަޢުލަތުގެ ވަކީލުންނަށް ބޭނުންކުރުމަށް ޖާގަތައް ޚާއްޞަކޮށްފައި ވުމުން، ޝަރީޢަތުގެ މަސައްކަތްތައް ހިންގުމަށް އެންމެހައި ފަރާތްތަކަށްވެސް ފަސޭހަވެގެންދާނެއެވެ.
Ads by BMLމި ޢިމާރާތަކީ ހުޅުމާލޭގައި ތަރައްޤީކުރުމަށް ރޭވިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ނިމެންދެން، މި ވަގުތަށް ޖާގައިގެ މައްސަލައަށް ގެނައި ޙައްލެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި، ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށާއި، އެ ޢިމާރާތް ނިމެންދެން ވެސް މި ދެ ކޯޓު ތަނަވަސް ތަނަކަށް ބަދަލުކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.
މި އަހަރުގެ އޮގަސްޓު މަހުގެ ކުރިން މި ދެ ކޯޓު ހުޅުމާލެއަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުން މިހާރު މިވަނީ ޙަޤީޤަތަކަށް ވެފައެވެ. މި ބަދަލާއެކު، ނުހިނގާ ހުރި ގިނަ މައްސަލަތަކުގެ އަޑުއެހުންތައް އަލުން ފެށި، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. ޚާއްޞަކޮށް، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރާ މަސައްކަތަށް މިއީ ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވިއެވެ. އަދި ޤައުމީ ދިދައާއި ޖުޑީޝަރީގެ ދިދަ ނެގުން ވެސް އޮތެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި ޝަރުޢީ ދާއިރާގެ އިސް ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by MACL
