ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާސަންދަ ސްކީމުގެ ދަށުން ހިލޭ އައިނު ހަދައިދިނުމުގެ ޚިދުމަތް ސަރުކާރުން ރަސްމީކޮށް ފަށައިފި

އައިޖީއެމްއެޗްގައި ގާއިމްކުރި އައިނު ފިހާރަ ރައީސް ހުޅުވައިދެއްވުން -- ފޮޓޯ: ރައީސް އޮފީސް
އައިޖީއެމްއެޗްގައި ގާއިމްކުރި އައިނު ފިހާރަ ރައީސް ހުޅުވައިދެއްވުން -- ފޮޓޯ: ރައީސް އޮފީސް

ނަންބަރު އައިނު ހެދުމަށް ކުރަންޖެހޭ ބޮޑު ޚަރަދުގެ ސަބަބުން ގިނަ ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އާސަންދަ ސްކީމުގެ ދަށުން ހިލޭ އައިނު ހަދައިދިނުމުގެ ޚިދުމަތް ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، މި ޚިދުމަތް ފުރަތަމަ ފަށާފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

އައިޖީއެމްއެޗްގައި އަލަށް ޤާއިމުކުރި އައިނު ފިހާރަ އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ފިހާރައިން ލޮލުގެ ނަންބަރު ބެލުމުން ފެށިގެންގޮސް، އެންމެ ޒަމާނީ މެޝިނަރީ ބޭނުންކޮށްގެން ލެންސް ހެއްދުމާއި އައިނު ތައްޔާރުކުރުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރެވޭނެއެވެ. މީގެ އިތުރުން، ލޮލުގެ ޕްރެޝަރު ބެލުމާއި، ގްލަކޯމާ ފަދަ ބަލިތައް ފުރަތަމަ މަރުޙަލާގައި ދެނެގަތުމުގެ ޤާބިލުކަންވެސް މިތަނުގައި ލިބިގެންދާނެ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމުގެ ކުރިން، އައިނު ހެއްދުމުގެ ޚިދުމަތް ރާއްޖޭގައި ދެމުން އައީ ހަމައެކަނި އަމިއްލަ ފަރާތްތަކުންނެވެ. އާސަންދައިގެ ދަށުން ކުރިން 1,000 ރުފިޔާ ކަވަރުކޮށްދިން ނަމަވެސް، އައިނެއް ހެދުމަށް އާންމުން އަތުން ބޮޑު އަދަދެއް ޚަރަދުކުރަންޖެހުމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. ނަމަވެސް، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރައީސް މުއިއްޒު ވަނީ އާސަންދައިން އައިނަށް ކަވަރުކުރާ މިންވަރު 2,000 ރުފިޔާއަށް އިތުރުކުރައްވާފައެވެ.

"އާސަންދައިން މި ހޭދަކުރާ 2,000 ރުފިޔާގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދު ފަހިވެގެން މި ދިޔައީ،" ހަލީމް ވިދާޅުވިއެވެ.

މި ޚިދުމަތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އަންނަ މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް ފަށާނެއެވެ. އަދި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށްވެސް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.