ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަރިވިއިރު ވެސް ރަނަށް ދޭންޖެހޭ 85،000 ރުފިޔާ ނުދީގެން 10 މަހުން ދައްކަން ހުކުމްކޮށްފި

ވަރިވިއިރު ވެސް ރަނަށް ދޭންޖެހޭ 85،000 ރުފިޔާ ނުދީގެން 10 މަހުން ދައްކަން ހުކުމްކޮށްފި

އެ ހުކުމް ކޮށްފައިވަނީ މިދިޔަ މަހު ފަހުކޮޅެވެ.

މި މައްސަލަ ފެމެލީ ކޯޓަށް ހުށަހެޅީ 2021ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު ކުރި ކައިވެންޏެއްގެ ރަން އަދިވެސް އަންހެން މީހާއަށް ލިބިފައިނުވާތީ އެ ހޯދުމަށެވެ.

ހުކުމުން އެނގޭ ގޮތުގައި އެންމެ ފުރަތަމަ ރަނުގެ މިންވަރުކަމަށް ލިޔެފައިވަނީ ހައްޖު ދަތުރެކެވެ. ނަމަވެސް އޭގެ މަތީ ރޮނގެއް ދަމައިލުމަށްފަހު، 85،000 ރުފިޔާ ފަހުން އޮތީ ލިޔެފައެވެ. އަދި ކައިވެނީގެ ސެޓްފިކެޓުގައި ވެސް ލިޔެފައިވަނީ އެ އަދަދެވެ.

ކޯޓު ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުން އެ ދެ މީހުން ކައިވެނިކޮށްގެން އުޅުނުއިރު ވެސް އޭނާއަށް އެއްވެސް ޚަރަދެއް ކޮށްފައިނުވާ ކަމަށް އަންހެން މީހާ ވަނީ ކޯޓުގައި ބުނެފައެވެ.

އަދި އޭނާ އެދެނީ ރަނުގެ ފައިސާ އެއްފަހަރާ ދައްކައި ޚަލާސްކުރަންކަމަށް ވެސް ބުނެފައިވެއެވެ. އެއީ އޭނާގެ ފިރިމީހާގެ މަންމަ ގޭގެ އެޕާޓްމަންޓެއް ކުއްޔަށް ދީފައިވާތީ އެ ފައިސާ އެކީ އެއްފަހަރާ ދޭން ދަތިނުވާނެތީކަަމަށް އަންހެން މީހާ ކޯޓުގައި ބުންޏެވެ.

ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ ވަބާގައިޖެހި ފަރުވާ ހޯދަމުން އަންނަ މީހެއްކަން ވެސް ކޯޓު ހުކުމުން އެނގެއެވެ.