ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާ ޓާމިނަލް އާއި ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތަށް އެމްއޭސީއެލަށް ސަތޭކައިން ސަތޭކަ!

އާޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އާޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަކީ، ތާރީޚީ މުހިންމުކަމެއް ލިބިގެންވާ ދުވަހެކެވެ.

މި ރަސްމިއްޔާތު ފެނިގެންދިޔަ ގޮތުން، އެމްއޭސީއެލްގެ މަސައްކަތަށް ސަތޭކައިން ސަތޭކަ ދޭން އަހަރެން ފަސްނުޖެހެމެވެ.

އިވުނު އަޑުތަކާއި ފެނުނު މަންޒަރު މުޅިހެން ތަފާތެވެ. ސަރުކާރެއްގެ އިދިކޮޅުން ޒިންމާދާރު ވާހަކައެއް ދެއްކި ނަމަ ގަބޫލުކުރެވިދާނެތާއެވެ.

މުޅި ދުނިޔެ ދެކެމުންދަނީ އިގްތިސާދީ ތާށި ކަމެއްގެ ތެރޭގައެވެ. ހަމައެބީދައިން ރާއްޖެވެސް އެ ދަތި ތަހައްމަލު ކުރަން ނުޖެހެއެކޭ ނޫނެވެ. އަދި ދަތިވެގެން ރާއްޖެ ބަނޑަށްޖެހޭ ހިސާބަށް ދާން ކައިރިއެއްވެސް ނުވެއެވެ. އިރާދަކުރެއްވިއްޔާ އެ ދުވަހެއް ނުދެކޭނެތެވެ.

ހަމަ އިވުނު އަޑެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. ރާއްޖެއަށް ކާޑެއް ނުލިބި ތެޔޮ ނުލިބި މުވައްޒަފުންގެ މުސާރަ ވެސް ދެވެން އޮތީ އެންމެ މަހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ހަނދާން ގައިމު ހުންނާނެއެވެ. އެދުވަހެއްވެސް ނުފެނި ރާއްޖެ މިދަނީ ކުރިއަށެވެ. މިކަމުގައި ރާއްޖޭގެ ދަރަނި އެހެން ސަރުކާރުތަކުން ނަގާފައިވާ ވާހަކަ ތަފްސީލް ކުރާކަށް ނެތީމެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ހަމައެކަނި މަތިންދާބޯޓު ޖައްސާ ތަނެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ދޮރޯށްޓެވެ. އަދި ދިވެހި ޤައުމުގެ ފަޚުރެވެ. އަޅުގަނޑުމެންގެ ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ދައްކުވައިދޭ މުހިންމު ނިޝާނެކެވެ.

މި އެއާޕޯޓު ހިންގާ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ މި ޤައުމުގެ އެންމެ މުހިންމު އެއް ކުންފުންޏެވެ.

އެހެންކަމުން، މިފަދަ ބޮޑު މަޝްރޫޢެއް ނިމި، އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަކީ ކުލަގަދަކޮށް ބާއްވަންޖެހޭ ރަސްމިއްޔާތެކެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް ލިބިގެންދާ މި ބޮޑު ކުރިއެރުން ފާހަގަކުރުމުގެ ގޮތުން، އެންމެ ރަނގަޅަށް ބޭއްވުނު ރަސްމިއްޔާތެއް ނޫންނަމަ އެއީ ހަމަ ބޮޑު އުނިކަމެކެވެ. އަދި މިއާއިއެކު އިދިކޮޅުގެ އެހެން ވާހަކައެއް ތިލަ ވާނެއެވެ. ”މިހާ ރީތި ޓާމިނަލެއް ހުޅުވި އިރު ތިއަށްވުރެ ރަނގަޅަށް ތިކަން ކުރެވިދާނެ ނޫން ހެއްޔެވެ. ޔަގީނާއި ގާތަށް އެނގެއެވެ. މިހެން ބުނާނެއެވެ.

އަމިއްލަ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަ ވާންޖެހޭ.

އާ ޓާމިނަލަކީ ހަމައެކަނި ޢިމާރާތެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ދިގުދެމިގެންދާ ތަރައްޤީގެ ރަމްޒެކެވެ.

ޤައުމުގެ އިޤްތިޞާދަށް ކުރާނެ ފައިދާއާ، ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުންތައް ގިނަގުނަވާނެއެވެ. މިފަދަ ބޮޑު މަޝްރޫޢެއް ނިމުމުގެ ރަސްމިއްޔާތު، ކުލަގަދަ ކޮށް ބޭއްވުމަކީ ދުނިޔެއަށް ދިވެހިރާއްޖޭގެ ފަޚުރުވެރިކަން ދައްކުވައިދިނުމުގެ ރަނގަޅު ފުރުޞަތެކެވެ. އެމްއޭސީއެލްއިން މި ފުރުޞަތުގެ ބޭނުން ހިފީ ވަރަށް ފުރިހަމައަށެވެ.

ހިއްސާކޮށްލާނަމެވެ. މުޅި ސަރަހައްދު ވަނީ ސަލާމަތީ ގޮތުން ވަރަށް ވަރުގަދަކޮށްފައެވެ. ދައުވަތު ސިޓީއާއިއެކު މި ތަނަށް ގެންދެވޭނެ ތަކެތި ވަރަށް ތަފްސީލްކޮށް ބުނެދީފައިވެއެވެ. އަހަރުމެން

ހީކުރާވަރަށް ވުރެ މާފުރިހަމައެވެ. ފަހުން ވިސްނާލުމުން އެނގުނީ މިއީ ބައިނަލް އަގުވާމީ ވައިގެ ބަނދަރެއް ކަމެވެ. އެހެންކަމުން ވަކި އުސޫލެއް ވަކި ހުދޫދެއް ހުންނާނެއެވެ.

އެ ސަރަހައްދަށް ދިއުމާއިއެކު ބެހިފައިވާ ގޮތުން އިށީނާންނެތަން ދައްކަން އެމްއޭސީއެލްގެ ހީވާގި މުވައްޒަފުން އުޅުނީ އަވަދިނެތިއެވެ. 6 ހާހެއް މީހުންނަށް މަގު ދައްކައިދިނީ އެހާމެ ފުރިހަމަކޮށެވެ.

އިރުއިރުކޮޅާ ހަނދުމަކޮށްދިނެވެ. ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ އެއްވެސް ބޭފުޅަކު ގޮނޑިން ތެދުނުވުމަށް އިރުޝާދު ދީ ސަމާލުކަމަށް ގެނައެވެ. އެހިސާބުން އެއާޕޯޓުގެ ސެކިއުރިޓީ ޕްރޮޓޮކޯލް އެކްޓިވް ވާނެކަމަށާއި އެކަމަށް ފުރުސަތު ދޭން އެދުނެވެ.

މުޅިތަން ވަނީ ވަރަށް ރީތި ޒަމާނީ ކުލަތަކާއި ލައިޓުތަކުން ޒީނަތްކޮށްފައެވެ. އެންމެ އަޖައިބުކުރުވަނިވި ކަމަކީ މުޅި ޓާމިނަލް އިމާރާތުގެ ކުރިމަށްޗަށް ދޭތެރެ ދޭތެރެއިން އެ އަރުވާލި ހިތްގައިމު މަންޒަރުތަކެވެ.

މުޅި ކޮންސެޕްޓުން އަހަންނަށް ފާހަގަވި ކަމަކީ ރާއްޖޭގެ ކާބަފައިން އެއާޕޯޓު ހަދަން ކުރި މަސައްކަތާއި އެމަސައްކަތަށް ދިން އަހަމިއްޔަތާއި އެއާޕޯޓަކީ ސައްތައިން ސައްތަ ދިވެހިންގެ ތަނެއްކަން އަންގައިދިނުމަށް އެމްއޭސިއެލުން ކިޔައިދޭން ބޭނުންވި ފުރިހަމަ ކަމެވެ.

އެ ވާހަކަ ކިތަންމެ ރަނގަޅަށް ވެސް ކިޔައި ދީފިއެވެ. އެ ތަމްސީލު އެއާޕޯޓު މުވައްޒަފުންވެސް ދައްކުވައިދިނީ އެހާ ފުރިހަމަ ކޮށެވެ.

ވަރަށް ހާއްސަ ވަގުތުކޮޅެއް ދިޔައެވެ. އެއާޕޯޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ވާހަކަކޮޅަށް އަލިއަޅުވާލަން ޖެހެއެވެ. މަޑުމައިތިރިކަމާއި އެކު ވާހަކަކޮޅު އަމުނާލީ ވަރަށް މަޑުމޮޅިކަމާއިއެކު އެވެ. ޝަރީފަށް އެ ވަގުތަކީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެއްކަން އަހަންނަށް ސިފަވިއެވެ.

ވަކީން ހާއްސަކޮށް މުވައްޒަފުންނާއި މުހާތަބުކޮށް އަގުވަޒަން ކުރުމަށް ދެއްކި ވާހަކަކޮޅުން ޝަރީފް ލޮލުން ކަރުނަ ހިލުނުކަން ޔަގީނެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވާހަކަފުޅުންވެސް ދިވެހީންގެ އެއާޕޯޓު ދިވެހިންނަށް މުހިންމު ވަރު ވިސްނުވައި ދިނެވެ. އަދި އެހާމަ ސާބިތުކަމާއިއެކު ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ.

މިއީ މުޅި ރަސްމިއްޔާތުންވެސް އެންމެ ފުރިހަމަވި ތަންކޮޅެވެ. އެއާޕޯޓުގެ މުވައްޒަފުން ކުރުގޮތަކަށް އަމުނާލި ތަމްސީލުން ކާފަމެން ކޮށްދިން ހިދުމަތް ވަރަށް ފުރިހަމައަށް ފަހުމް ކޮށްދިނެވެ. މިތަމްސީލު ނިމޭތާކޮޅާއިއެކު އެއާޕޯޓު ގެ ޓާމިނަލްމަތިން އެ އަރުވާލި ޑްރޯންތަކުން އިތުރަށް ފުރިހަމަކަން ގެނެސްދިނެވެ.

ޑްރޯން ޝޯގެ ފަހުވަގުތު މުޅި ޖައްވު ދިއްލާލީ ދިވެހިރާއްޖޭގައި މިހާތަނަށް އެރުވި އެންމެ ރީތި އެންމެ ފުރިހަމަ ހަވާއާއިއެކުއެވެ.

ކައިރީގައި ބަލަން އިނދެވުމުން ވަރަށް ފުރިހަމައަށް އެ މަންޒަރު ފެނިގެން ދިޔައެވެ.

މި ކުލަގަދަ ރަސްމިއްތާތަށް ފަހު ފަރީއްކޮޅުވެސް އިންތިޒާމްކޮށްފައިވަނީ ފުރިހަމަކޮށެވެ. ރަސްމިއްޔާތު ނިންމާލީ ޓާމިނަލް އެތެރެ ބަލާލުމަށް ފުރުސަތު ދެމުންނެވެ.  ގިނައަދެއްގެ ބަޔަކު މިފުރުސަތުގެ ބޭނުންހިފައި ފޮޓޯތައް ސޯޝަލް މީޑިއާއަށް ވިހުރުވާލަ ދިނެވެ. ނިންމާފަ ގެއަށް ދިއުމަށްވެސް ލުއި ފަސޭހަ ގޮތްތަކެއް ވަނީ އިންތިޒާމްކޮށްފައެވެ. މިހުރިހާ ކަމެއް ވެ ނިމިގެން ދިޔައީ ސީދާ އެއާޕޯޓުގެ ބެލުމުގެ ދަށުން ހައި ސެކިއުރިޓީގައެވެ.

މި ރަސްމިއްޔާތަކީ ހަމައެކަނި ސަރުކާރުގެ ބޮޑުންނާއި މަސްއޫލުވެރިންނަށް ޚާއްސަ ރަސްމިއްޔާތެއް ނޫނެވެ. ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނަށް، ޚާއްސަކޮށް އެމްއޭސީއެލްގެ މުވައްޒަފުންނާއި އެއާޕޯޓާއި ގުޅުންހުރި ކުންފުނިތަކުގެ މުވައްޒަފުންނަށް، އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދިޔަ ރަސްމިއްޔާތެކެވެ.

މި މަޝްރޫޢު ނިންމުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެއެވެ. އެ މަސައްކަތުގެ ނަތީޖާ ފެނި، ފަޚުރުވެރިވުމުގެ ފުރުޞަތު އެތައް ބަޔަކަށް ލިބުނެވެ. ރަސްމިއްޔާތުގެ ކުލަގަދަކަމުން، ބައިވެރިވި އެންމެންނަށްވެސް ފުން އަސަރެއް ކޮށްފައިވާކަން އެތަނަށް ދިޔަ މީހުންގެ ޝުއޫރުތަކުން އެނގުނެވެ.

ނިންމާލާނަމެވެ. ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވުނު ރަސްމިއްޔާތުތަކުގެ ތެރެއިން އެންމެ ކުލަގަދަ ރަސްމިއްޔާތަކީ މިއީ ކަމަށް ބުނެވޭނެއެވެ.

ލައިޓް ޝޯތަކާއި، އަޑުގަދަ މިއުޒިކާއި، ދިވެހިވަންތަ ހުށަހެޅުންތަކާއި، ޚާއްސަ މެހެމާނުންނާއެކު މި ރަސްމިއްޔާތު ފެނިގެންދިޔައީ ހަމަ ފުރިހަމައަށެވެ. މުޅި ޤައުމު އެކުގައި ފާހަގަކުރި މި ރަސްމިއްޔާތަކީ، ކުރިއަށް އޮތް ޖީލުތަކަށް ނަމޫނާއަކަށް ވާނެ ރަސްމިއްޔާތެއް ކަމަށް އަހަރެން ދެކެމެވެ.

މިހެންކަމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތު ބޭއްވުމުގައި އެމްއޭސީއެލްއިން ކޮށްފައިވާ މަސައްކަތަށް ސަތޭކައިން ސަތޭކަ ދެމެވެ. މިއީ ދިވެހިންނަށް ފަޚުރުވެރިވާނެ، އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.