ފުޅަނދުބުރުން މަގުތައް ދިއްލާލައި، ކާޓޫން ކެރެކްޓާތަކުން ކުޑަކުދިންގެ ހިތްތައް ފަތަޙަކޮށްފި
މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ފުޅަނދުބުރުން މާލޭގެ މަގުތައް ދިއްލާލައި، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތައް އުފަލުން ފުރާލައިފިއެވެ. މިރޭ މަޖީދީމަގުން ކުރިއަށްދިޔަ މި ފުޅަނދުބުރުގައި، ދައުލަތުގެ އެކި ކުންފުނިތަކާއި މުއައްސަސާތަކުން ވަނީ އެކި ކާޓޫނު ކެރެކްޓާތަކާއި އީޖާދީ ފަރުމާތަކުން މުޅި މަގު އެއްކޮށް ކުލަގަދަ މާހައުލަކަށް ބަދަލުކޮށްލައިފައެވެ.
މިރޭ 8:30 ހާއިރު ރަސްފަންނު ސަރަހައްދުން ފެށި މި ފުޅަނދުބުރު ބަލާލުމަށް ކުދިބޮޑު އެންމެން މަޖީދީމަގުގެ ދެފަރާތުގައި ސަފުހަދާފައި ތިއްބެވެ. ކުޑަކުދިންގެ މެދުގައި މަގުބޫލު ކާޓޫނު ކެރެކްޓާތައް މަގުމައްޗަށް ނުކުމެ މެޓާ ބަހަމުން ދިޔައިރު، ކުޑަކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.
މި އަހަރުގެ ފުޅަނދުބުރުގައި އެންމެ ގިނަ ބަޔަކު ޝައުޤުވެރިވި ބައެއް ފުޅަނދުތައް ތިރީގައި މިވަނީއެވެ.
Ads by BMLއެޗްޑީސީގެ 'މައިންކްރާފްޓް' ފުޅަނދު:
ކުޑަކުދިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އެޗްޑީސީގެ ފުޅަނދަށެވެ. މަޝްހޫރު ގޭމް "މައިންކްރާފްޓް" ގެ މޮޑެލަކަށް ޕްލައިވުޑާއި ދަގަނޑުން ތައްޔާރުކޮށްފައިވާ މި ފުޅަނދުގައި، ހުޅުމާލޭގެ ތިން ފިޔަވަހި ވަނީ ރަމްޒުކޮށްދީފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގެ ރުނބައާއި، ފުރަތަމަ ފިޔަވަައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ބްރިޖް، އަދި ފައިނޭންޝަލް ޑިސްޓްރިކްޓްގެ ރަމްޒީ އިމާރާތްތައް ފެނިގެންދިޔައިރު، މައިންކްރާފްޓްގެ ކެރެކްޓާތައް ފުޅަނދު ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ.
އާރުޑީސީގެ 'ޑިސްޕިކެބަލް މީ' ފުޅަނދު:
އާރުޑީސީގެ ފުޅަނދުން މުޅި މަގު ފުރާލީ މަޝްހޫރު ކާޓޫނު "ޑިސްޕިކެބަލް މީ" ގެ ކެރެކްޓާތަކުންނެވެ. ފުޅަނދުގެ ކުރިމަތިން ގްރޫ އާއި ވެކްޓާ ފެނިގެންދިޔައިރު، ފަހަތުން ގްރޫގެ މަޝްހޫރު "ގްރޫމޯބިލް" އާއި އޭނާގެ ގެ ދައްކުވައިދިނެވެ. މި ފުޅަނދާ އެކު ތިބި "މިނިއަން" ތަކާއެކު ގިނަ ކުދިންތަކެއް ވަނީ ފޮޓޯނަގައިފައެވެ.
އެސްޓީއޯގެ 'ޑިޒްނީ ކާސްލް':
އެސްޓީއޯއިން މިރޭ ދައްކުވައިދިނީ އެތައް ކާޓޫނު ދުނިޔެއެއް އެއްތަންކުރި "ޑިޒްނީ ކާސްލް" އެކެވެ. މި ފުޅަނދުގައި "މޮންސްޓާސް އިންކް"، "ސްޓިޗް"، "މިކީ މައުސް"، "މިނިއަންސް" އަދި "ހެލޯ ކިޓީ" ފަދަ އެތައް ކެރެކްޓަރެއް އެއްތަނަކުން ފެނިގެން ދިޔައެވެ. ކާސްލްގެ ދިދަތަކުން އެސްޓީއޯގެ ދަށުން ހިންގާ ކުންފުނިތައް ރަމްޒުކޮށްދިނެވެ.
މީގެ އިތުރުން އެމްއެންޑީއެފް، ދިވެހި ފުލުހުން، ސްޓެލްކޯ އަދި އެމްޓީސީސީގެ ފުޅަނދުތައް ވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ފުލުހުންގެ 911 ކޯލް ސެންޓަރު، އެމްއެންޑީއެފްގެ އެކި ދިފާޢީ ބައިތައް، ބާ އިންޖީނުތަކުން ތައްޔާރުކުރި ސްޓެލްކޯގެ ފުޅަނދު، އަދި އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ފުޅަނދަކީ ވެސް މިރޭގެ ފުޅަނދުބުރު ކުލަގަދަކޮށްދިން މުހިއްމު ބައިތަކެކެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުޅަނދުބުރު އަބަދުވެސް ވެގެންދަނީ އާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބޭ އެއް ހަރަކާތަށެވެ. މިރޭގެ ފުޅަނދުބުރުން ވެސް އެކަން ވަނީ ސާބިތުކޮށްދީފައެވެ.
Ads by MACL
