ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމީ ދަތުރުފުޅުގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

ރަސްމީ ދަތުރުފުޅުގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

އަވަށްޓެރި ސްރީލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތަކެއް ބޭއްވެވުމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މިއަދު ހެނދުނު 8:25 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޑިސަނަޔަކަ ފައިބައިވަޑައިގަތުމުން، އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ސީދާ ރައީސް މުއިއްޒުއެވެ. މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑިސަނަޔަކަ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުދަ ދުވަހުއެވެ.

މިއީ، ސްރީލަންކާގެ ވެރިކަމުގެ ހުވާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ފަހުން، ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 60 އަހަރު ފުރޭއިރު، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑިސަނަޔަކަގެ މި ދަތުރުފުޅު މި ކުރައްވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ސްރީލަންކާއަށް ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރައްވާފައި ވަނިކޮށެވެ. މިދިޔަ ފެބްރުއަރީ މަހު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ވެސް، ދޭދޭ ގުޅުން ވަރުގަދަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަވަށްޓެރި ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް މި ވަޑައިގަތީ، ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަފުތާ ބަންދުގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކަށްފަހުއެވެ.