ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާވަށުގައި ޒުވާނެއްގެ ކަރަށް ވަޅި ހަރައި މަރައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ހާދިސާ ހިނގި ސަރަޙައްދު ފުލުހުން ބަންދުކޮށްފައި ---
ހާދިސާ ހިނގި ސަރަޙައްދު ފުލުހުން ބަންދުކޮށްފައި ---

ލ. މާވަށުގައި މިއަދު ހެނދުނު ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާގައި މަރުވި 29 އަހަރުގެ މޫސާ އިބްރާހިމްއަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީވެސް 29 އަހަރުގެ މީހެކެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހިމް (29އ) އެވެ. މި ހަމަލާގައި މަރުވީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ) އެވެ.

މި މާރާމާރީ ހިނގާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު މާވަށު ވޮލީ ކޯޓް ސަރަހައްދުގައެވެ. ހާދިސާ ދުށް މީހަކާ ހަވާލާދީ ޚަބަރުތައް ރިޕޯޓްކޮށްފައިވާ ގޮތުގައި، މޫސާއަށް ހަމަލާދީފައިވަނީ އޭނާ ނޭނގި ހުއްޓާ ފަހަތުން ގޮހެވެ. ކަރަށް ދިން ވަޅީގެ ހަމަލާއަށްފަހު އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވި މޫސާ އިބްރާހިމްއާއި، އޭނާ މަރާލިކަމުގެ ތުހުމަތުކުރެވޭ މުޙައްމަދު އިބްރާހިމްއަކީ ވެސް މީގެކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ދެ މީހުންނެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.