ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމީ އިއްޒަތުގައި ސޯބިރު ފަސްދާނުލައްވައިފި

މިމއަދު އަވަހާރަވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ޙަސަން ސޯބިރުގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ/ ޕީއެސްއެމް
މިމއަދު އަވަހާރަވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ޙަސަން ސޯބިރުގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ/ ޕީއެސްއެމް

ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ޙަސަން ސޯބިރު، ރަސްމީ އިއްޒަތުގައި މިއަދު ފަސްދާނުލައްވައިފިއެވެ.

މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަށުނަމާދު ކުރުމަށްފަހު، ސޯބިރު ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައެވެ. އުމުރުން 74 އަހަރުގައި އެމަނިކުފާނު އަވަހާރަވީ، ކެންސަރު ބައްޔަށް ގިނަ ދުވަހު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

ސޯބިރަކީ ދައުލަތަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 1998 އިން 2004 އަށް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. އޭގެ އިތުރުން ޕްލޭނިންގ އަދި ފިޝަރީޒް މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވެއެވެ. އަދި 1999 އިން 2004 އަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ވެސް ފުރުއްވިއެވެ.

ޚާރިޖީ ދާއިރާގައި ވެސް ސޯބިރު ވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އިނގިރޭސިވިލާތް، ސިންގަޕޫރު، ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަން ކުރެއްވިއެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރެއްވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޖަޕާނުގެ ސަފީރުގެ މަގާމެވެ.

މަރުޙޫމް ޙަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން، މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އަވަހާރަވިއިރު ސޯބިރުގެ ފަހަތުން އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.