ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށްގެންދެވި ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށްގެންދެވި ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އާއި އަވަށްޓެރި ސްރީލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް މިއަދު ބާއްވައިފިއެވެ.

މި މަޝްވަރާތަކުގައި ދެ ޤައުމުން ވަނީ ތަޢުލީމާއި، މަސްވެރިކަމާއި، ކުޅިވަރުފަދަ މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށްގެންދެވި މި މަޝްވަރާތަކުގައި ރިޔާސަތު ބެލެހެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސްރީލަންކާގެ ރައީސް ޑިސަނާޔަކެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކޮށްފައިވާ 60 އަހަރުވީ ޑިޕްލޮމެޓިކް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މަޝްވަރާތަކުގެ ނިންމުމުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވިދާނެކަމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި ދާއިރާތަކުގެ ތެރޭގައި، ތަޢުލީމާއި ޒުވާނުންގެ ތަރައްޤީއާއި ކުޅިވަރު، ޤާބިލުކަން އިތުރުކުރުން، މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތައް، މަސްވެރިކަމާއި ދަނޑުވެރިކަން، ކާނާގެ ރައްކާތެރިކަން، އަދި ކަނޑާއި ވައިގެ ދާއިރާތައް ހަރުދަނާކުރުން ހިމެނެއެވެ.