ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޅު ޖެހިފައިވާ ފުޓުބޯޅައަށް ދިރުން، އާ އެކްސްކޯއިން ނިންމީ މިއަހަރު އަތޮޅު މުބާރާތާއިއެކު ކަލަންޑަރު އެކުލަވާލަން!

އެފްއޭއެމްގެ އެކްސްކޯ/ ފޮޓޯ: އަދަދު
އެފްއޭއެމްގެ އެކްސްކޯ/ ފޮޓޯ: އަދަދު

ދިވެހި ފުޓުބޯޅައަށް ވެރިވެފައިވާ ހިމޭންކަމަށް ނިމުމެއް ގެނެސް، ވަޅު ޖެހިފައިވާ ކުޅިވަރަށް އާ ދިރުމެއް ދިނުމުގެ ގޮތުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އާ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން، މިއަހަރުގެ ތެރޭގައި އަތޮޅު ފުޓްބޯޅަ މުބާރާތްތައް އަލުން ފަށައި، ފުޓްބޯޅައިގެ އާ ކަލަންޑަރެއް އެކުލަވާލުމަށް ނިންމައިފި އެވެ.

މިއީ އަހްމަދު ތޯރިގް (ޓޮމް) ގެ ރިޔާސަތުގެ ދަށުން ބޭއްވި އެކްސްކޯގެ ފުރަތަމަ ބައްދަލުވުމުގައި ފާސްކުރި، ފުޓްބޯޅަ ރަށްރަށަށް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

އެފްއޭއެމްގެ އާ އަސާސީ ގަވާއިދުން ލާޒިމުކުރާ ގޮތަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން، ނުވަތަ ސަރަަހައްދީ މުބާރާތްތައް ބޭއްވުމުގެ މަސައްކަތް މިހާރު ފެށުމަށް އެކްސްކޯއިން ވަނީ ނިންމާފައެވެ. މި ހަރަކާތްތައް 2025/2026 ވަނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި ރަސްމީކޮށް ހިމެނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މި މަސައްކަތް ހަރުދަނާކުރުމަށްޓަކައި، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި، ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދާނެއެވެ. އެގޮތުން، އުތުރުގެ ސަރަހައްދުގައި ހއ، ހދ، ށ، ނ، ރ، ބ، ޅ. އަތޮޅާއި ކުޅުދުއްފުށި ސިޓީ ހިމެނޭއިރު، މެދުތެރޭގެ ސަރަހައްދުގައި ކ، އއ، އދ، ވ، މ، ފ، އަދި ދ. އަތޮޅު ހިމެނެއެވެ. ދެކުނުގެ ސަރަހައްދުގައި ތ، ލ، ގއ، ގދ. އަތޮޅާއި ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭއިރު، މާލެ ސިޓީގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ކްލަބްތައް ހިމެނޭ ގޮތަށް މާލެ ރީޖަނަލް އެސޯސިއޭޝަނެއްވެސް އުފައްދާނެއެވެ.

އާ ކަލަންޑަރާ ގުޅޭ އެންމެފަހުގެ ނިންމުން ނިންމާނީ، އެފްއޭއެމްގެ ސްޓޭންޑިން ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމަށްފަހު، އެ ކޮމިޓީތަކާ މަޝްވަރާކޮށްގެންނެވެ. މި މަގުސަދުގައި، ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ކްލަބްތަކުން ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު އެފްއޭއެމްއިން މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، ބީޗް ސޮކަރ އާއި ފުޓްސަލް ކުރިއެރުވުމަށް ހާއްސަ ކޮމިޓީތަކެއް އުފެއްދުމަށާއި، ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށްވެސް އެކްސްކޯއިން ވަނީ ނިންމާފައެވެ.

މި ހުރިހާ ކޮމިޓީއަކަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ.