ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތެދުނޫން މަޢުލޫމާތު ނުފެތުރުމަށް މަޖިލީހުގެ އިދާރާއިން އިލްތިމާސްކޮށްފި

ރައްޔިތުންގެ މަޖިލިސް އިދާރާ -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލިސް އިދާރާ -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސައްކަތް ވަޒަންކުރަންވީ ހަމައެކަނި އެ މެންބަރަކު ސްޕޮންސަރކުރައްވާ ބިލުތަކުގެ ޢަދަދުން ނޫންކަމަށާއި، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ޒިންމާދާރުކަމާއެކު ތެދު މަޢުލޫމާތު ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު "ތެދު މަޢުލޫމާތު" މި ނަމުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޖިލީހުގެ މަސައްކަތްތައް ނިމިގެންދަނީ ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކު، ޖަމާޢީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. ޢާންމުންނަށް ގިނައިން ފެންނާނީ މެންބަރުން ބަހުސްކުރައްވާތަނާއި ބިލްތައް ހުށަހަޅުއްވާތަން ކަމުގައި ވީނަމަވެސް، އެއީ މެންބަރުން ކުރައްވާ ހަމައެކަނި މަސައްކަތް ނޫންކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގައި ކުރައްވާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެންބަރުން މަޖިލީހަށް ސްޕޮންސަރކުރައްވާ ބިލުގެ ޢަދަދުން ނޫންކަމާއި، އެކި މަރުހަލާތަކުގައި މަޖިލީހުގެ މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަކަން ފާހަގަކުރަމެވެ،" ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ޤާނޫނުއަސާސީގެ 85 ވަނަ މާއްދާއާއި މަޖިލީހުގެ ގަވާއިދުގެ 31 ވަނަ މާއްދާއަށް އިޝާރާތްކޮށް، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ޢާންމުންނަށް ހުޅުވާލައި، ވަގުތުން ދުރަށް ދެއްކުމުގެ މަޤްޞަދަކީ، މަޖިލީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދީ، ޤައުމީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށް ބުނެފައިވެއެވެ.

ބަޔާން ނިންމާލަމުން، މަޖިލީހުގެ އިދާރާއިން ވަނީ އެންމެހައި ފަރާތްތަކަށް މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެގޮތުން، މަޖިލީހުގެ އިދާރާއިން ޢާންމުކުރާ މަޢުލޫމާތުތަކާއި ތަފާސްހިސާބުތައް ނުބައި ގޮތުގައި ބޭނުން ނުކުރުމަށާއި، މަޢުލޫމާތު ހިއްސާކުރުމުގައި ޒިންމާދާރުވުމަށާއި، އެއްވެސް މަޢުލޫމާތެއް ޢާންމުކުރުމުގެ ކުރިން އޭގެ ސައްޙަކަން ކަށަވަރުކުރުމަށް ވަނީ ގޮވާލާފައެވެ.