ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް މޫސަގެ ހަށިގަނޑު މާލެ ގެނެސްފި
ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރާލި، އެރަށު ނަލަހިޔާ، މޫސާ އިބްރާހީމް (29އ) ގެ ހަށިގަނޑު، ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށްޓަކައި މާލެ ގެނެސްފި އެވެ. ފުލުހުން ބުނީ، މޫސަގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އިއްޔެ މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް (29އ) އެވެ. ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، އޭނާއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑެއް އޮންނަ ފަރާތެކެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މޫސައަށް ހަމަލާދޭން ބޭނުންކުރި ކަމަށް ޝައްކުކުރެވޭ ވަޅި ފުލުހުން ވަނީ ހޯދާފަ އެވެ. އެ ވަޅި ފެނިފައިވަނީ، ފުލުހުންގެ ޑައިވް ޓީމަކުން މޫދަށް ފީނައިގެން ކުރި މަސައްކަތުންނެވެ.
Ads by BMLމާވަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މޫސަގެ ކަރަށް ވަޅިން ހަމަލާދީފައިވެއެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 10:12 ހާއިރު އެވެ. އަނިޔާވި މޫސާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
Ads by MACL
