ސިސްޓަމެޓިކްކޮށް ރަގަނޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް ތަޢާރަފު ކުރާނަން: ވަޒީރު އާދަމް ޝަރީފް
ސިސްޓަމެޓިކްކޮށް ރަގަނޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަހަރު އެކަމަށް ޚާއްސަ އެވޯޑެއް ތަޢާރަފު ކުރުމަށްވަނީ ހަމަޖެހިފައިކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއެވެ.
މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ތައާރަފް ކުރެވޭ "އެވޯޑް ޕޮލިސީ" ގެ މައިގަނޑު މަޤްސަދަކީ، ސިސްޓަމެޓިކް ގޮތެއްގައި ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތައް ފާހަގަކޮށް، މުވައްޒަފުންނަށް ހިތްވަރު ދިނުން ކަމަށެވެ. މި ސިޔާސަތު މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށާއި، އަދި ވަރަށް އަވަހަށް ތަންފީޒު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އަމާޒު ހިފަނީ ތަނުގެ ތެރޭގައި ތިޔަ ބޭފުޅުންނަށް މަސައްކަތް ކުރެއްވޭނެ ރަނގަޅު މާހައުލެއް އުފެއްދުމަށް. މި މިނިސްޓްރީގެ ކޮންމެ މުވައްޒަފަކީ ވެސް މިނިސްޓްރީއަށް މުހިންމު މުވައްޒަފެއް. އަދި ކޮންމެ މުވައްޒަފަކު ކުރާ މަސައްކަތަކީ ވެސް އަޅުގަނޑުމެން ބަލާނެ މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ.
Ads by BMLއިތުރަށް ވާހަކަ ދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ މުވައްޒަފެއްގެ މަސައްކަތް ވަޒަން ކުރުމަށް ވަކި މިންގަނޑުތަކެއް (ބެންޗްމާކް) ކަނޑައެޅިގެންދާނެއެވެ. އަދި އެ މިންގަނޑަށް މަސައްކަތް ނުކުރެވޭނަމަ، މުއައްސަސާގެ ހެވާއި ލާބައަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް، ފަސްޖެހުމެއްނެތި އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
"އެ މުވައްޒަފެއްގެ މަސައްކަތް އެ ބެންޗްމާކާ އެއްގޮތަށް ހިފެހެއްޓުމަކީ، އަދި އެގޮތަށް ނުހިފެހެއްޓިގެންދާ ދިއުމުގައި އަޅުގަނޑުމެންނަށް ނަގަންޖެހޭ ކޮންމެ ޑިސިޝަނެއް އަޅުގަނޑުމެން ޖެހޭނީ ނަގަން. އެއީކީ އަޅުގަނޑުމެން ޒާތީ ގޮތުން ކުރާ ކަމެއް ނޫން. މިއީ މުއައްސަސާއަކަށްޓަކައި ނަގަންޖެހޭ ނިންމުންތައް،" އޭނާ ވިދާޅުވިއެވެ.
މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި ބައެއް ޑިޕާޓްމަންޓްތަކަށާއި މަސައްކަތްތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށްވެސް އޭނާ އިޝާރާތް ކުރެއްވިއެވެ. އެގޮތުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، ސިވިލް ސަރވިސްގެ އުސޫލުތަކުގެ ތެރެއިން، ސެކްޝަންތަކުގެ މެދުގައި މުވައްޒަފުން ބަދަލުކުރުން (ރޮޓޭޓް ކުރުން) ފަދަ ބަދަލުތައް ގެންނާނެ ކަމަށާއި، މިކަމަށް ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
Ads by MACL
