ފިޔާ ހުސްވުމުން، އެސްޓީއޯއިން ސްޓޮކެއް ގެންނަން ނިންމައިފި
މޫސުން ގޯސްވުމުގެ ސަބަބުން ބާޒާރުގައި ފިޔާ ހުސްވެ އަގު އުފުލިފައި ވަނިކޮށް، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ ސްޓޮކެއް ގެންނަން ނިންމައިފި އެވެ.
އެސްޓީއޯ އިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފިޔާ ގެނައުމުގައި ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް އެ ކުންފުނިން އިސްނަގައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިޔާ ސްޓޮކް ގެނެސް ބާޒާރަށް ނެރެވޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފިޔާގެ މި ޝޯޓޭޖް ދިމާވެފައިވަނީ، މޫސުން ގޯސްވުމާ ގުޅިގެން ރާއްޖެއަށް ފިޔާ އެތެރެކުރުމަށް ދަތިވެ، ކޮންމެ ހަފުތާއަކު ގެންނަ ސަޕްލައި ހުއްޓުމުންނެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މައުލޫމާތު ދޭ ގޮތުގައި، މިވަގުތު ވެސް ކާބޯތަކެތި ހިމެނޭ ގޮތަށް އަވަހަށް ހަލާކުވާ ބާވަތުގެ މުދާ ހިފައިގެން އައި ހަތަރު ބޯޓެއް މާލޭ ވިޔަފާރި ބަނދަރުގައި އެބައޮތެވެ. ނަމަވެސް، މޫސުމް ތަން ނުދިނުމުގެ ސަބަބުން އެ ބޯޓުތަކުން މުދާ ބޭލުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ.
Ads by BMLބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލި، ޝޯޓޭޖްތައް ދިމާވާ ދަނޑިވަޅުތަކުގައި، އެސްޓީއޯ އިން އަބަދުވެސް އިސްނަގައި، އަގުތައް ކޮންޓްރޯލްކޮށް އާންމުންނަށް ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއެވެ.
މިދިޔަ އަހަރު ވެސް ފިޔާ ލިބުން ދަތިވި ހިސާބުން އެސްޓީއޯއިން ވަނީ ފިޔާ ގެނެސް ބާޒާރަށް ނެރެފައެވެ. ހަމައެއާއެކު، މީގެ ކުރީގެ ތަޖުރިބާތަކަށް ބަލާއިރު، އަލުވި، ބިސް، ލޮނުމެދު، މިރުސް އަދި ލުނބޯ ފަދަ އަސާސީ ބާވަތްތައް ވެސް ލިބުން ދަތިވި ދަނޑިވަޅުތަކުގައި އެސްޓީއޯއިން ވަނީ އެތެރެކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދީފައެވެ.
Ads by MACL
