ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގެ 4000 ފްލެޓް: މިހާރު ކުރަނީ ކުރީގެ އެއްބަސްވުމުން އުނިކުރި މުހިންމު މަސައްކަތްތަކެއް!

ގެދޮރުވެރިޔާ ފަލެޓްތައް .-- ފޮޓޯ: މިހާރު
ގެދޮރުވެރިޔާ ފަލެޓްތައް .-- ފޮޓޯ: މިހާރު

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް މީހުން ދިރިއުޅުމަށް ބޭނުންވާނެ އެންމެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ކަރަންޓާއި އިންޓަނެޓް ފަދަ ޚިދުމަތްތައް ގުޅުމުގެ މަސައްކަތް ފަށައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ، މި މަސައްކަތްތައް މިހާރު އަލުން ކުރަން ޖެހުނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެކަންކަން އެއްބަސްވުމުން އުނިކޮށްފައި ވާތީ ކަމަށެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި އެއްބަސްވުންތަކުގައި، ޓަވަރުތަކަށް މީހުން ބަދަލުވުމަށްޓަކައި ކޮންމެހެން ހުންނަންޖެހޭ ސެކިއުރިޓީ ނިޒާމާއި، ކުނި މެނޭޖުކުރުމާއި، ލޭންޑްސްކޭޕިން ފަދަ މުހިންމު ކަންކަން ހިމަނާފައި ނުވާ ކަމަށެވެ.

"އަލްހަމްދުﷲ މިހާރު އެ މަސައްކަތްތައް ދަނީ މި ސަރުކާރުގައި ފަށައި، ބާރު ސްޕީޑުގައި ކުރެވެމުން،" ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި، ޓަވަރުތަކުގެ ސެކިއުރިޓީއަށް ބޫމް ގޭޓާއި ސީސީޓީވީ ނެޓްވޯކް ގާއިމުކުރުމާއި، ކުނި އުކާލުމަށް ގާބޭޖް ޝޫޓް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ޔުޓިލިޓީ ޚިދުމަތްތަކަށް ބަލާއިރު، އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާގެ މައި ލައިނަށް ގުޅުމާއި، "އަމާން ދޯދި" މަޝްރޫއަށް ބޫސްޓާ ޕަމްޕް ހަރުކުރުމާއި، ޓަވަރުތައް ޕަވާ ގްރިޑާ ގުޅާލުމަށް ފީޑާ ކޭބަލް އެޅުމާއި ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އަދި ލޭންޑްސްކޭޕިން، ބިލްޑިންގް ސައިނޭޖް، ޝަފްޓް ޑޯ، އަދި އިންޓަނެޓާއި މީޑިއާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޖީޕޮން ނެޓްވޯކް ގާއިމުކުރުން ވެސް ހިމެނެނީ މިހާރު ކުރާ މަސައްކަތްތަކުގެ ތެރޭގައެވެ.

މި 4،000 ފްލެޓަކީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ ތަންތަނެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ގެ ލޯނަކުން ހިންގާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެވެ. އެގޮތުން، "އަމާން އުދަރެސް" ގެ ނަމުގައި ހަދާ 16 ޓަވަރު ކޭޕީއައިއެލް އާ ހަވާލުކޮށްފައިވާއިރު، "އަމާން ދޯދި" ގެ ނަމުގައި ހަދާ 16 ޓަވަރު ހަދަނީ އެންބީސީސީ އިންނެވެ.

މި މަޝްރޫއުގެ ދަށުން 17-18 ބުރީގެ ޖުމްލަ 32 ޓަވަރު އިމާރާތްކޮށްފައިވެއެވެ. އޭގެތެރޭގައި ތިން ކޮޓަރީގެ 2،800 ފްލެޓާއި ދެ ކޮޓަރީގެ 1،200 ފްލެޓް ހިމެނެއެވެ. ހަމްދާން ވަނީ ކުރީގެ އެއްބަސްވުމުގައި ގިނަ ކަންކަން ހިމަނާފައި ނެތް ނަމަވެސް، މި ސަރުކާރުން އެ ހުރިހާ މަސައްކަތެއްވެސް މިހާރު ނިންމަމުން އަންނަ ކަމުގެ ޔަގީންކަން ދެއްވާފައެވެ.