ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާރްއޭސީއެލް އިން މުބީން އިސްތިއުފާ ދެއްވައިފި

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން --- ފޮޓޯ: ޕީއެސްއެމް
އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން --- ފޮޓޯ: ޕީއެސްއެމް

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)، ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އާރްއޭސީއެލްއަކީ މާލީ ފައިދާ ދަށް، ހިންގުމަށްޓަކައި ސަރުކާރުން ބޮޑެތި އަދަދުތަކުން ކެޕިޓަލް އިންޖެކްޝަން ދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ހަމައެކަނި 2023 ވަނަ އަހަރު އެ ކުންފުންޏަށް 95 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު، ހިންގުން ހަމަޖެއްސުމަށް އެ އަހަރު ތެރޭ 113 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހޭދަކޮށްފަ އެވެ.

މި މާލީ ހާލަތުން އަރައިގަތުމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން މިހާރު އަންނަނީ ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި، މި މަސައްކަތުގެ ބޮޑު ބައި ނިމިފައިވާއިރު، ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އާރްއޭސީއެލް އެއްކޮށް އެމްއޭސީއެލްގެ ދަށަށް ގެނެވޭނެ އެވެ.

މިފަދަ މުހިންމު ދަނޑިވަޅެއްގައި މަގާމުން އިސްތިއުފާ ދެއްވި މުބީންގެ ހިދުމަތްތަކަށް އާރްއޭސީއެލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.