ބޮޑުކުރި މުސާރަ ފުލުހުންނަށް ހަމައަށް ނުލިބޭކަމަށް ބުނާ ވާހަކަތަކަށް ރައްދު ދީފި
ފުލުހުންނަށް ބޮޑުކުރި މުސާރަ ހަމައަށް ނުލިބޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ދޮގުކޮށް، މުސާރަ ދެމުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ބޮޑުކުރެއްވި މުސާރަ، ކަނޑައެޅިފައިވާ ގޮތަށް ހުރިހާ ފުލުހުންނަށް ލިބެމުންދާ ކަމަށެވެ.
މި ބަޔާނުގައި "ސްޕެޝަލް ކޮންސްޓަބުލަރީ"ގެ މުސާރައިގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތްވެސް ވަނީ ބަޔާން ކޮށްދީފައެވެ. އެގޮތުން، ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާންމު ފުލުހުންނާ ޚިލާފަށް، އެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ވެވޭ ވަކި އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ ޚިދުމަތެއް ކަމަށް ފުލުހުން ބުނެއެވެ.
Ads by BML"އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް މުސާރަ ދިނުމުގައި ދަނީ އަމަލުކުރަމުންނެވެ،" ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ސްޕެޝަލް ކޮންސްޓަބުލަރީއަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް، ވަޒީފާއަށް ނެގުމުގެ ކުރިން މުސާރައާއި އިނާޔަތްތަކުގެ ފުރިހަމަ ތަފްސީލު ހިއްސާކުރަމުންދާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުން ވަނީ މިކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން ފުލުހުންގެ މީޑިއާ އޮފިސަރަށް ގުޅުއްވުމަށް އެދިފައެވެ.
Ads by MACL
