ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިނިސްޓަރ ޑރ. ޝަހީމްއަށް އެމެރިކާއިން ވިސާ ނުދިން މައްސަލައެއް

އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ---
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ---

ފަލަސްތީނާއި އިޒްރޭލުގެ މައްސަލައާ ގުޅޭގޮތުން އދ. އިން އެމެރިކާގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމަކަށް ވަޑައިގަތުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަށް އެމެރިކާއިން ވިސާ ދޭން ދެކޮޅު ހަދައިފިއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ވިސާ ނުދިން ސަބަބެއް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިސްޓަރ ޝަހީމް ވިސާއަށް އެދިވަޑައިގެންފައިވަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީއަށެވެ. އެމަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ، "ހައި-ލެވެލް ކޮންފަރެންސް އޮން ޓޫ ސްޓޭޓް ސޮލިއުޝަން ފޯ އިޒްރޭލް އެންޑް ފަލަސްތީން" ގެ ނަމުގައި ބޭއްވި އދ. ގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުމަށެވެ.

އެމެރިކާގެ ވިސާ ދޫކުރުމުގެ އުސޫލުތައް ބުނާ ގޮތުގައި، ވިސާ އެޕްލިކޭޝަނެއްގައި ލިޔެކިޔުންތައް ފުރިހަމަނުވުން ފަދަ އާންމު މައްސަލައެއް އުޅޭނަމަ، އެކަމެއް އެމްބަސީން އަންގާނެއެވެ. ނަމަވެސް، އެއްވެސް ސަބަބެއް ހާމަނުކޮށް ވިސާ ދޭން ދެކޮޅު ހަދާނަމަ، އެއީ އޭގެ ފަހަތުގައި މާ ސީރިއަސް ސަބަބުތަކެއް ހުރުން އެކަށީގެންވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއެވެ. މިފަދަ ސަބަބުތަކުގެ ތެރޭގައި، އެމެރިކާގެ ސަލާމަތީ އިދާރާތަކުން މޮނިޓަރ ކުރާ ލިސްޓެއްގައި އެޕްލިކޭޝަން ހުށަހެޅި މީހެއްގެ ނަން ހިމެނުން ފަދަ ކަންކަން ހިމެނިދާނެއެވެ.

ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، އެމެރިކާގެ ވިސާއަށް އެދޭއިރު، ހުރިހާ ސޯޝަލް މީޑިއާ އެކައުންޓެއް ޢާންމުންނަށް ފެންނަ ގޮތަށް ހުޅުވާލާފައި ބެހެއްޓުމަށް މިދިޔަ ޖޫން މަހުން ފެށިގެން އެ ޤައުމުން ލާޒިމުކޮށްފައިވާ ކަމެވެ. 

މި މައްސަލައާ ގުޅޭގޮތުން މިނިސްޓަރ ޝަހީމްވެސް އަދި ސަރުކާރުން ވެސް އެއްވެސް ވާހަކަފުޅެއް ވިދާޅުވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.