ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

10 އަހަރަށްފހު އަންހެން ފުޓްބޯޅައިގެ ޤައުމީ ފެންވަރުގެ މުބާރާތެއް ބާއްވަނީ

އެފްއޭއެމް ބިލްޑިންގ. ފޮޓޯ ސޯޝަލް މީޑިއާ
އެފްއޭއެމް ބިލްޑިންގ. ފޮޓޯ ސޯޝަލް މީޑިއާ

އަންހެން ފުޓްބޯޅައިގެ ޤައުމީ މުބާރާތެއް ބާއްވާނެކަމަށް އެފްއޭއެމްގެ ރައިސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް، ފުލުހުންނާއި ސިފައިން އަދި އެސްއޯއީތަކަށް ދައުވަތު ދެއްވާނެކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.

އެންމެ ފަހުން އެފްއޭއެމްއިން ގައުމީ ފެންވަރުގައި އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ 2015ގައެވެ. ކުޅިވަރުގެ ދާއިރާއަށް ބަލައިލާއިރު އެސޯސިއޭޝަންތަކުގެ ތެރެއިން އަންހެން ޑިވިޝަނުގައި ގައުމީ ފެންވަރުގެ މުބާރާތެއް ނުބާއްވާ ހަމައެކަނި އެސޯސިއޭޝަނަކީ އެފްއޭއެމެވެ.

އަދި ރާއްޖޭގައި މިފަދަ މުބާރާތެއް ނުބާއްވާތީ، ސަރުކާރުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ނުހޮވަ އެވެ.

ފުރަތަމަ ފަށާއިރު މުބާރާތުގައި ކޮލިފައިންއެއް ނޯންނާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި މި ސީޒަންތެރޭގައި މުބާރާތުގައި މުޅި ރާއްޖެއަށް ހުުޅުވާލާނެކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.

"ފުރަތަމަ ފަށާއިރު އެއްވެސް ކޮލިފައިންނެއް ފަސްޓް ޑިވިޝަނެއް ނޯންނާނެ. ދެން ކުޅޭ ނިސްބަތަކުން ގަދަ ޓީމުތަކެއް ދެން އަންނަ ސީޒަނަކަށް އޭގައި އިތުރު ލޭއައުޓް [އިތުރު ޑިވިޝަންތަކެއް] ހިމަނާނީ. މި ސީޒަންތެރޭގައި އަޅުގަނޑުމެން ހުޅުވާލާނަން މުޅި ރާއްޖެ އަށް އަންހެން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން." ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގު ވިދާޅުވި އެވެ.

އެފްއޭއެމްގެ އާ ކަލަންޑަރު ފައިނަލު ކުރާނީ އެ އެސޯސިއޭޝަންގެ ކޮމިޓީތަކަށް މެންބަރުން އައްޔަންކޮށް ނިމުމުންނެވެ. ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމަށް ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމަށް ކްލަބްތަކަށް ވަނީ ފުރުސަތު ހުޅުވާލާއިފަ އެވެ.

ކޮމިޓީތަކަށް މެންބަރުކަމަށް ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ 2 ޖެހުމުގެ ކުރިންނެވެ.