ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއްބަސްވުން ބާތިލްކޮށް، މޯލްޑިވިއަންއަށް 3.6 މިލިއަން ރުފިޔާ މަހެއްގެ ތެރޭގައި ދައްކަން އެމްޑީޕީއަށް ހުކުމްކޮށްފި

ނަޝީދު (މ) އެމްޑީޕީއާ ގުޅުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ދައުރު
ނަޝީދު (މ) އެމްޑީޕީއާ ގުޅުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ދައުރު

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުތަކަށް ގައުމީ އެއާލައިން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ބާކީ ހުރި 3.6 މިލިއަން ރުފިޔާ، އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އިދިކޮޅު އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި ހުކުމާއެކު، ކުރިން ދެ ފަރާތުގެ ދެމެދުގައި އެ ފައިސާ ބަހާލައިގެން ދެއްކުމަށް އެކުލަވާލި ސެޓަލްމަންޓް އެއްބަސްވުން ވަނީ ބާތިލްވެފައެވެ.

މައްސަލައިގެ އަސްލަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކުރި ދަތުރުތަކަށް މޯލްޑިވިއަންއަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ނުދެއްކުމެވެ. އެ ފައިސާ ހޯދުމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ކުރިންވެސް ކޯޓަށް ދިއުމުން، ދެ ފަރާތުން ވަނީ އެ ފައިސާ 2027 ވަނަ އަހަރުގެ ކުރިން، ކޮންމެ ހަ މަހަކުން ބަޔެއް ދައްކާގޮތަށް އެއްބަސްވެފައެވެ.

ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފעיސާ އެމްޑީޕީން ނުދެއްކުމުން، އައިލެންޑް އޭވިއޭޝަނުން ވަނީ އަލުން މައްސަލަ ކޯޓަށް ހުށަހަޅައި، ބާކީ އޮތް ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދުމަށް އެދިފައެވެ.

ކޯޓުގައި އެމްޑީޕީން ބުނީ، މިހާތަނަށް ދަރަނީގެ ތެރެއިން ދެ މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، ބާކީ ފައިސާ ދެއްކުން ލަސްވީ ދައުލަތުން ޕާޓީއަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމުން ކަމަށެވެ. އެހެންކަމުން ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދިނުމަށް އެ ޕާޓީން އެދުނެވެ. ނަމަވެސް އައިލެންޑް އޭވިއޭޝަނުން އެކަމަށް އިންކާރުކޮށްފައިވާކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ސިވިލް ކޯޓުން ވަނީ ކުރީގެ އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފައެވެ.