ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ނަޒީމް

އިބްރާހިމް ނަޒީމް
އިބްރާހިމް ނަޒީމް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ނަޒީމް މިއަދު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިކަން ކަށަވަރުކޮށްދެއްވާއިރު، ނަޒީމް މި މަގާމަށް އައްޔަންކުރެއްވީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

އަންނަ މަހުގެ 18 ވަނަ ދުވަހު ރިޓަޔާ ކުރައްވާނެކަން މައުރޫފު ކުރިން އިއުލާންކުރައްވާފައި ވަނިކޮށް، އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މައުރޫފް މަގާމުން އިސްތިއުފާ ދެއްވީ އެގޮތަށް އަމަލުކުރުމަށް ޕީސީބީން އެންގުމާ ގުޅިގެންނެވެ. އެޗްޑީސީގެ މަގާމު ހުސްވުމުން، އެ މަގާމަށް ޒުހައިރު އައްޔަންކުރައްވައި، އޭގެ ބަދަލުގައި އާރުޑީސީ ހިންގެވުމާ ނަޒީމް ހަވާލުވެވަޑައިގަތީއެވެ.