މަގުމަތިން އަންހެނެއްގެ ފޯނު ފޭރިގަތް ބިދޭސީއެއް ހައްޔަރުކޮށްފި
މާލޭގެ މަގުމަތިން ހިނގާފައި ދަނިކޮށް ދުވަސްވީ އަންހެނެއްގެ އަތުން ފޯނެއް ފޭރިގަތް މައްސަލައެއްގައި، ބަންގްލަދޭޝްގެ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ކުލްދީޕް ސިންހް ކިޔާ މީހެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު މެންދުރުފަހު 3:19 ހާއިރު، ގަލޮޅު ސެންޓްރަލް މާޓު ކައިރިން ބޮޑުރަސްގެފާނު މަގުގައި ހިނގާފައި ދިޔަ އަންހެނެއްގެ ފޯނު ފޭރިގަތްކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެ އަންހެން މީހާގެ ފޯނު ހޯދިފައިވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ފޭރުމުގެ އަމަލު ހިނގި ގޮތް ދައްކުވައިދޭ ސީސީޓީވީ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ގިނަ ބައެއްގެ ސަމާލުކަމަށް އަންނަމުންނެވެ.
Ads by BMLއެ ވީޑިއޯ ފުޓޭޖުން، މަގުމަތިން ހިނގަމުންދާ އަންހެނެއްގެ ފަހަތުން ކަޅު ޓީޝާޓެއްގައި ހުރި ފިރިހެނަކު އަވަސް ފިޔަވަޅުތަކެއްގައި އަންނަތަން ފެނެއެވެ.
އަދި އެ އަންހެން މީހާއާ އަރާ ހަމަކުރުމަށްފަހު، އޭނާގެ އަތުގައި އޮތް ފޯނު ވަގުތުން ޖަހައިގަނެގެން އެ ސަރަހައްދުން ދުވެ ފިލާ މަންޒަރު ވީޑިއޯއިން ވަރަށް ސާފުކޮށް ފެނެއެވެ.
މަގުމަތިން ފޭރުމާއި ވައްކަން ކުރުމަކީ ފަހަކަށް އައިސް މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކުށެކެވެ. މިފަދަ މައްސަލަތައް ކޮންމެ ދުވަހަކުހެން ފުލުހުންނަށް ރިޕޯޓުކުރެވެއެވެ.
Ads by MACL
