ލަންކާ ރައީސް ޑިސަނާޔަކެގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި
ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްފަހު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައި ފުރާވަޑައިގެންފިއެވެ.
މިދިޔަ ސެޕްޓެމްބަރ މަހު ސްރީލަންކާގެ ރިޔާސަތާ ހަވާލުވެވަޑައިގަތް ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅު އިތުރަށް ޚާއްޞަވެގެންދަނީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު 1965 ވަނަ އަހަރު ޤާއިމުކުރި ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ އަހަރުގައި މި ދަތުރުފުޅު ކުރެއްވުމުންނެވެ.
މި ދަތުރުފުޅުގައި ރައީސް ޑިސަނާޔަކެ ވަނީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. މި މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން ވަނީ ގުޅުންތައް ބަދަހިކުރުމުގެ އަޒުމް އައުކުރައްވައި، ގުޅިފައިވާ ބަޔާނެއްވެސް ނެރުއްވާފައެވެ. ރައީސް ޑިސަނާޔަކެގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ފުރަމާނަ ޖާފަތަކީވެސް މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.
Ads by BMLމީގެ އިތުރުން، ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ވަނީ ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރައްވާފައެވެ. ސްރީލަންކާގެ ރައީސް މި ދަތުރުފުޅު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ދަޢުވަތަކަށްކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
